ކުޅިވަރު

ފައިނަލަށް ދެވުމަކީ ވަރަށް ބޮޑު ކާމިޔާބެއް: ކޮންޓޭ


ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލަށް ދެވުމަކީ މި ސީޒަންގައި ހާސިލްކުރުވެނު ބޮޑު ކާމިޔާބެއްކަމަށް އިންޓަ މިލާންގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ޔޫކްރޭން ޝަހުތަރު ޑޮނެސްކް ބަލިކޮށް ފައިނަލުން ޖާގަ ހޯދުމަށްފަހު ކޮންޓޭ ބުނީ މިއީ ކޮންމެ ދުވަހަކު ކުޅުންތެރިން ތަމްރީންތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށާއި މި ކާމިޔާބުތަކާއި ހަމަޔަށްދެވޭނީ މުޅި ޓީމުން ކުރާ ބުރަ މަސައްކަތުން ކަމަށެވެ. އޭނާ ބުނީ ކާމިޔާބު ހޯދޭ ފެންވަރުގެ ރަނގަޅު ޓީމެއް ބިނާކުރެވިއްޖެކަމަށާއި އޭނާ ޓީމާ ހަވާލުވި ފުރަތަމަ ސީޒަންގައި ޓީމުން ދައްކާ ކުޅުމާމެދު ހިތްހަމަޖެހޭކަމަށެވެ.

ކޮންޓޭ ބުނީ އުނދަގޫ ދުވަސްތަކަކަށްފަހު އިންޓަ މިލާނުން ޔޫރަޕުގެ މުބާރާތެއްގެ ފައިނަލާއި ހަމަޔަށް އާދެވިއްޖެކަމަށެވެ. އިޓާލިއަން ލީގުގެ ދެވަނައިގައި ސީޒަން ނިންމާލި ކޯޗު ބުނީ ފައިނަލުގައި ތަށި އުފުލާލުމަކީ ވެދާނެކަމެއްކަމަށެވެ. ކޮންޓޭ ބުނީ ޓީމުގައި ގިނައީ މި ފެންވަރުގެ މުބާރާތަކަށް އައު ކުޅުންތެރިންކަމަށާއި ފައިނަލުގައި ވާދަކުރާ ސެވިއްޔާކީ ތަޖުރިބާހުރި ތައްޓާއި ރަށްޓެހި ޓީމެއް ކަމަށެވެ. ސެވިއްޔާ ކައިރިން ސަލާމަތްވެވޭނީ އިންޓަގެ ވަރުގަދަ ކުޅުން ދައްކައިގެންކަމަށް ކޮންޓޭ ބުންޏެވެ.

މިއީ 1999 ވަނަ އަހަރު އިޓަލީގެ ޕާމާއިން ޔުއެފާ ކަޕްގެ ފައިނަލުގައި ކުޅުނު ފަހުން ޔޫރަޕުގެ ދެވަނަ ފަންތީގެ މުބާރާތެއްގެ ފައިނަލަށް އިޓަލީ ޓީމެއް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެރޭ ރާއްޖޭ ގަޑިން 12 ޖަހާއިރުއެވެ.