ޚަބަރު

ބިޑް ކޮމިޓީގެ 7 މުވައްޒަފަކާއި ވެންޓިލޭޓަރާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރި ބައެއް ވެރިން ސަސްޕެންޑްކޮށްފި


ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގައި މަސައްކަތްކުރި 7 މުވައްޒަފަކާއި ވެންޓިލޭޓަރު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރި ވެރިން ސަސްޕެންޑްކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި ފައިނޭންޝަލް އެގްޒެކެޓިވްސްގެ އިތުރުން ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރި ވެރިން މިއަދު ސަސްޕެންޑުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދުވަނީ ވިދާޅުވެފައެވެ.

އެންމެންވެސް ސަސްޕެންޑު ކުރީ، އޭސީސީ އާއި ފުލުހުންނާ ހަވާލު ކޮށްގެން ކުރިއަށްގެންދާ ޖޮއިންޓު އިންވެސްޓިގޭޝަނާ މެދު ގޮތެއް ނިމެންދެން ކަމަށްވެސް ހޫދުވަނީ ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވާފައެވެ.

ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގައި ހިމެނޭ 7 މުވައްޒަފުންގެ ތެރެއިން ސަސްޕެންޑްކޮށްފައިވަނީ ސިވިލްސަރވިސްގެ 4 މުވައްޒަފަކާއި ސިޔާސީ 3 މުވައްޒަފުންކަމަށް މަޢުލޫމާތު ލިބެއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ސިއްޙީ ވަސީލަތްތައް ހޯދުމުގައި މަކަރާއި ޙީލަތް ހަދާފައިވާކަމަށް ކޯވިޑް-19އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާތީ، އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ބަލައި ފަސްނުޖެހި ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މި އޮޑިޓް ރިޕޯޓުގައިވާގޮތުން ހެލްތު މިނިސްޓްރީން ވަނީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ވެންޓިލޭޓަރުގަތުމަށް އެކި ފަރާތްތަކާ ޙަވާލުކޮށްފައެވެ. އޭގެތެރެއިން 75 ވެންޓިލޭޓަރު ގަތުމަށް ޙަވާލުކުރި ދުބާއީގެ ކުންފުންޏަކާއެކު ކުރި މުޢާމަލާތާ ގުޅޭ ގިނަ މައްސަލަތަކެއް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ވެންޓިލޭޓަރުގަތުމަށް އެކި ފަރާތްތަކާ ޙަވާލުކޮށްފައިވާއިރު އޭގެތެރެއިން 75 ވެންޓިލޭޓަރު ގަތުމަށް ޙަވާލުކުރި ދުބާއީގެ ކުންފުންޏަކާއެކު ކުރި މުޢާމަލާތާ ގުޅޭ ގިނަ މައްސަލަތަކެއް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ވެންޓިލޭޓަރުތަކުގެ އަގުގެ 75 އިންސައްތަ ދައްކާތާ 29 ދުވަހުގެ ތެރޭގައި ތަކެތި ސަޕްލައިކޮށް ނިންމަންޖެހެއެވެ. ހެލްތު މިނިސްޓްރީންވަނީ މިއަހަރުގެ އެޕްރީލްމަހުގެ ތެރޭގައި ވެންޓިލޭޓަރުތަކުގެ އަގުގެ 90 އިންސައްތައަށް ވާ ފައިސާ ދައްކާފައެވެ. އެހެންނަމަވެސް އޮޑިޓް ރިޕޯޓު އެކުލަވާލިއުރު، މިމުއްދަތު ފަނައަޅައިގޮސް ޖުމުލަ ހަތަރުމަސް ދުވަސް ފާއިތުވެފައިވާކަމަށާ، ކަނޑައެޅިފައިވާ ޢަދަދަށް ވެންޓިލޭޓަރު ލިބިފައި ނުވާކަމަށް ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ. ރިޕޯޓުގައި ފާހަގަކުރައްވާފައިވާ މައްސަލަތަކުގެ ތެރޭގައި ވެންޓިލޭޓަރު ގަތުމަށް އަގުބެލި ފަރާތްތަކާމެދު ވާދަވެރި އުސޫލަކުން ޢަމަލުކޮށްފައި ނުވާކަމަށާއި ހުރިހައި ފަރާތްތަކަށް ހަމަހަމަ ފުރުޞަތުވެސް ދީފައިވެސް ނުވުން ހިމެނެއެވެ.