ޚަބަރު

ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާދޭ ޚާއްޞަ ސެންޓަރެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވައިފި


ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާދޭ ޚާއްސަ ސެންޓަރެއްގެ ޚިދުމަތް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ފަށައިފިއެވެ. މިއީ ރާއްޖޭގައި ހުޅުވި މިފަދަ ފުރަތަމަ ސެންޓަރެވެ.

ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާދިނުމަށްޓަކައި އައިޖީއެމްއެޗުގައި ހުޅުވި ސެންޓަރަކީ، ސްޓްރޯކް ޖެހިގެން އަންނަ މީހުންނަށް ވީހާވެސް ގާތުން ފަރުވާ ދީ ޙާލަތު މޮނިޓަރކުރުން އިތުރަށް ފުޅާކުރުމުގެ މަޤްޞަދުގައި ހުޅުވި ސެންޓަރެއްކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. މި ސެންޓަރުގައި މިހާރު އެއްފަހަރާ 6 މީހުންނަށް އެޑްމިޓް ކޮށްގެން ފަރުވާދެވޭނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

މި ސެންޓަރުގެ ޚިދުމަތްތަކާގުޅޭ މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް އިން ނިއުރޮލޮޖީ ޑރ.އަހްމަދު ރަޝީދު ވިދާޅުވީ މި ސެންޓަރުގައި ވެންޓިލޭޓަރުގައި ފަރުވާ ދެވޭގޮތަށް 2 އައިސީޔޫ އެނދުވެސް ހިމެނޭކަމަށެވެ.

ޑރ.އަޙްމަދު ރަޝީދު ވިދާޅުވީ ޚާއްސަ ސެންޓަރެއްގައި ފަރުވާދޭނެ ފެށުމުން ބަލިމީހުންގެ ޙާލަތު ވަޒަންކުރެވޭ މިންވަރު އިތުރުވެ، ބަލީގައި ނިޔާވާ މީހުން މަދުކުރެވޭނެކަމަށެވެ.

"މި ސެންޓަރުގެ ޚިދުމަތް ކޮންމެ ދުވަހަކު 24 ގަޑިއިރު ލިބޭނެ. އަޅުގަނޑުމެންނަށް ލިބޭ ކުރިއެރުމެއް މިއީ، ސްޓްރޯކްގެ އަލާމަތްތައް ކިރިއާ ފާހަގަވާނަމަ ސެންޓަރަށް އައުމުން ސްޓްރޯކް ޖެހުން އެބަ ހުއްޓުވައި ފަރުވާ ދެވޭ. ގާތްގަނޑަކަށް 4ގަޑިއިރު ކުރިން އަލާމާތް ފާހަގަވެގެން އަންނަނަމަ ލޭ ދިޔާކުރާ ފަރުވާދީ ސްޓްރޯކް ޖެހުމުން އެބަ ދުރުކޮށްދޭ ފަރުވާދެވޭ." ޑރ.ރަޝީދު ވިދާޅުވިއެވެ.

ސްޓްރޯކް ޖެހޭމީހުންގެ ޙާލަތު ފުރަތަމަ 48 ގަޑއިރު ވަރަށް ގާތުން މޮނިޓަރކުރަންޖެހެއެވެ. ޑރ.ރަޝީދު ވިދާޅުވީ ހިތުގެ ވިންދުބެލުމާއި ލޭގެ ޕްރެޝަރ އަދި ހަކުރު ބަލީގެ ޙާލަތު މޮނިޓަރކުރެވޭނެ ފަސޭހަ އިންތިޒާމްވެސް އެ ސެންޓަރުގައި ޤާއިމް ކޮށްފައިވާކަމަށެވެ. އަދި ފަރުވާދިނުމުގެ މަރުޙަލާގައި ހިމެނޭ ފިޒިއޯތެރަޕީއާއި، ސްޕީޗް ތެރަޕީއާއި ރިހެބިލިޓޭޝަން ފަރުވާއާއި އޮކިއުޕޭޝަންނަލް ތެރަޕީގެ ޚިދުމަތްވެސް އެ ސެންޓަރާއި ގުޅާލާފައިވާކަމަށް ޑރ.އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

"މިއީ އެޑްވާންސް ސްޓްރޯކް ކެއަރގެ ފެށުން. ކުރިއަށްވެސް ގިނަ ކަންކަން ރާވާފައި އެބަހުރި. ސްޓްރޯކަށް ފަރުވާ ދިނުމަށް ރާއްޖެއިން ލިބެން ނެތް އާ ފަރުވާތަށް ފަށާނަން." ޑރ.އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

ސްޓްރޯކްއަކީ ސިކުންޑީގެ ލޭހޮޅި ބެދުމާއި، ފަޅައިގެން ގޮސްގެން ދިމާވާ ސިއްޙީ ޙާލަތެކެވެ. ސްޓްރޯކްގެ ސަބަބުން ވާގިނެތުމާއި، މޫނުގެ އެއްފަރާތް ދަމައިގަތުމާއި، ވާގިނެތުމާއި، ވާހަކަދައްކަން އުނދަގޫވެ ދޭހަނުވުންފަދަ ކަންކަން ދިމާވެއެވެ.