ސިޔާސީ

ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަންޖެހޭ - ނާއިބު ރައީސް


ސަރުކާރުން މިހާރު ކުރިއަށްގެންދާ ބިޔަ ބޮޑެތި މަޝްރޫއުތަކުގެ އެންމެ ފޮނި މީރުކަން ލިބިގެންދާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެދައުރު ވެރިކަންކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާާއިބު އަޙުމަދު އަދީބު ވިދާޅުވެއްޖެއެވެ. 

"ރައީސް ޔާމީން ދެހާސް އަށާރަ ކެމްޕެއިން ލީޑަރުން ތަމްރީން ކުރުމުގެ މަހާސިންތާ" ފެށުމަށް ބުރާސްފަތި ދުވަހުގެރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް އަޙުމަދު އަދީބު ވިދާޅުވީ، އިޤްތިޞާދީ ގޮތުން ކުރިއަރައި، މާލެ- ހުޅުލެ ބްރިޖް  އަޅާއި، ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި، ޔޫތު ސިޓީފަދަ ބިޔަ މަޝްރޫއުތަކުގެ ފޮނި މީރުކަން ލިބޭނީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވައިގެންކަމަށް ގަބޫލްކުރައްވާކަމަށެވެ. 

އެމަނިކުފާނުގެ ވާހަކަފުޅުގައި، ރައީސް ޔާމީންގެ ވަޒީރުކަމުގެ ތަޖުރިބާތަކާއި މަޖިލީހުގެ ތަޖުރިބާތަކުގެ ސަބަބުން އެމަނިކުފާނު ކަންކަމާ ކުރިމަތިލައްވަނީ ސާބިތުކަމާ އެކުގައި ނަތީޖާ ނެރުއްވުމަށް ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތީ ފިނިފެންމަލުގެ ދާނަކުންް ނޫންކަމަށާއި، ވެރިކަން ލިބިވަޑައިގަތީ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓްގެ އާބިޓްރޭޝަނާއި، އުނޫންވެސް ގައުމު ހުއްޓިދާނެ ކަންތައްތަކަކާއި އެކުކަމަށެވެ. އެދުވަސްވަރު ރާއްޖެއޮތީ ވަރަށް ހަލަބޮލި ކަމެއްގެ ތެރޭގައިކަން ފާހަގަކުރައްވާ ނާއިބު ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ ގައުމުގެ ތަރައްގީއަށްޓަކައި ގުރުބާނީތަކެއް ވެގެން ކުރިއަށް ދާނެ ލީޑަރެއްކަމަށެވެ. 

ރައީސް ޔާމީނަކީ ލަސްނުކޮށް ކަންކަމުގައި ރަނގަޅު ނިންމުންތައް ނިންމާ އެހެން މީހުން ބާާރުވެރިކުރުވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން ނާއިބު ރައީސް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހު އެންމެ ހަލަބޮލިވި ދަނޑިވަޅުތަކުގައިވެސް އެމަނިކުފާނު އެޅުއްވި އުނދަގޫ ފިޔަވަޅުތަކުގެ ސަބަބުން މިހާރު މުޅި މުޖުތަމައާއި ސިޔާސީ ފަރާތްތައް ވެސް ފެންނަނީ ހަމަޖެހިގެން ކަމަށެވެ.

"އެތައްބައިވަރު ޕްރޮޖެކްޓުތަކާއި، އެތައްބައިވަރު އިގްތިޞާދީ ކުރިއެރުމެއް ލިބެން ބޭނުމިއްޔާ، އަދި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މާތްރަސްކަނލާންގެ އިރާދަފުޅުން ބްރިޖްއަޅާ، ހުޅުމާލެ ފޭސްޓޫ އަދި ޔޫތުސިޓީ ހިއްކާނަން. ބައިވަރު މިހިރަ ބިޔަ ބޮޑު މަޝްރޫއުތައް ހިންގާ އެހުރިހާކަމެއްގެ ފޮނިމީރުކަން ހަމަގައިމުވެސް ލިބޭނީ އަޅުގަނޑު ދަންނަވާނީ ރައީސް ޔާމީން ދެދައުރު ކޮށްގެންނޭ" ނާއިބުރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ ގައުމަށް ކުރިމަތިލާންޖެހޭ ކޮންމެ ކަމެއްގައި ގައުމު ދޫކޮށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށާއި، ނޫސްވެރިން ލިއުއްވާ ވާހަކަތަކަށްވެސް ރައްދު ދެއްވާނޭ ބޭފުޅެއް ނޫންކަމަށް ނާއިބު ރައީސް އަޙުމަދު އަދީބު ވިދާޅުވިއެވެ.