ވިޔަފާރި

ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ 2 އެވޯޑެއް ތާޖް އެގްޒޯޓިކާ ރިސޯޓަށް


ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ 2 އެވޯޑެއް ރާއްޖޭގެ ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާއަށް ލިބިއްޖެއެވެ.

ތާޖް އެގްޒޯޓިކާ ރިސޯޓަށް ލިބިފައިވަނީ، ލަގްޒަރީ ލައިފްސްޓައިލް އެވޯޑްގެ، އެންމެ ހިތްޤާއިމު ލަގްޒަރީ ރިސޯޓުތަކުގެ އެވޯޑާއި ޓްރިޕް އެޑްވައިޒަރގެ ޓްރެވަލާޒް ޗޮއިސް އެވޯޑެވެ.

ލަގްޒަރީ ލައިފްސްޓައިލް އެވޯޑަކީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ލަގްޒަރީ ރިސޯޓު ހޮޓާތައް ފާހަގަކޮށް، އެފަދަ ތަންތަނުންދޭ ހިދުމަތްތަކުގެ އަގު ވަޒަންކުރުމަށް ދެވޭ އެވޯޑެކެވެ. މިއެވޯޑުގެ ކެޓަގަރީތައް ކާމިޔާބު ކުރަނީ ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑްތަކާއި ވާދަކޮށްގެން ޖަޖުންގެ ޕެނަލަކުންނެވެ.

ޓްރިޕް އެޑްވައިޒަރ ޓްރެވަލާޒް ޗޮއިސް އެވޯޑްސްއަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލު މަންޒިލްތަކާއި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނަށް ދޭ އެވޯޑެކެވެ. މިއެވޯޑުގައި މިއަހަރުވެސް ލިސްޓުކުރެވިފައި ހުރީ ދުނިޔޭގައި ފަތުރުވެރިންގެ މެދުގައި ނެގޭ ވޯޓަކުން އެންމެ މަޤުބޫލު މަންޒިލްތަކާއި، ރިސޯޓު ހޮޓާތަކެކެވެ. ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާއިން މިދިޔަ އަހަރު ވަނީ ޓްރިޕް އެޑްވައިޒަރ ހޯލް އޮފް ފޭމް ސެޓިފިކެޓް އޮފް އެކްސަލަންވެސް ކާމިޔާބުކޮށްފައެވެ.

ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ ވަނީ މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންޑެނާސްޓް ޖޮހާންސަން އެވޯޑްސް ފޮރ އެކްސަލަންސްއަށްވެސް ހޮވިފައެވެ. 2019 ވަނަ އަހަރު ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާއިން ވަނީ މިއެވޯޑު ކާމިޔާބުވެސް ކޮށްފައެވެ.

ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ އަކީ އިންޑިއަން ހޮޓެލްސް ކޮމްޕެނީ ލިމިޑެޓްގެ ސަބްސިޑަރީ، ތާޖް ހޮޓެލްސްއިން ރާއްޖޭގައި ހިންގާ ރިސޯޓެކެވެ.