ދުނިޔެ

ކޯވިޑް-19 ފެތުރޭ މިންވަރަށް ރިޢާޔަތްކޮށް ނިއުޒީލެންޑުގެ ޢާންމު އިންތިޚާބު ފަސްކޮށްފި


ކޯވިޑް-19 ފެތުރޭ މިންވަރަށް ރިޢާޔަތްކޮށް ނިއު ޒީލެންޑުގެ ޢާންމު އިންތިޚާބު ފަސްކޮށްފިއެވެ.

ސެޕްޓެމްބަރު 19ވަނަ ދުވަހު ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތް އިންތިޚާބު ފަސްކުރުމަށް ގިނަ ފިއްތުންތަކެއް ނިއުޒީލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑަންއަށްވަނީ ކުރިމަތިވެ ވަޑައިގަންނަވާފައެވެ. ސިޔާސީ ޕާޓީތަކުން ބުނަމުން ދިޔައީ ޤައުމުގެ ޙާލަތު އޮތް ގޮތުން މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ޔަޤީންވާފަދަ ގޮތަކަށް ކެމްޕެއިނު ކުރާނެ މާހައުލެއް ނެތްކަމަށެވެ.

އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހަށް އިންތިޚާބު ފަސްކުރަން ނިންމަވާފައިވާކަން އިޢުލާނުކުރައްވަމުން އާޑަން ވިދާޅުވީ އިންތިޚާބު ފަސްކުރުމުގެ ސަބަބުން އިންތިޚާބުގެ ބައިވެރިންނަށް ޤައުމަށް ކުރިމަތިވެފައިވާ ޙާލަތު އިތުރަށް ވަޒަންކޮށް އެއާ ގުޅޭ ގޮތަށް ރޭވުންތައް ރޭވުމަށް އިތުރު ވަގުތު ލިބިގެންދާނެކަމަށެވެ. އަދި އިންތިޚާބު އިތުރަށް ފަސް ނުކުރައްވާނެކަމަށް އާޑަން ވިދާޅުވިއެވެ. ނިއުޒީލެންޑުގެ ޤާނޫނުގައި ބުނާ ގޮތުން އެންމެ ލަސްވެގެން ނޮވެމްބަރު މަހުގެ 21ވަނަ ދުވަހުގެ ކުރިން ޢާންމު އިންތިޚާބު ބާއްވަންޖެހޭނެއެވެ.

އަވަސް އިންތިޚާބެއް ބާއްވައިފިނަމަ ޢާންމު އިންތިޚާބުގައި ވާދަކުރައްވާ އާޑަންއަށް ފައިދާ ކުރާނެކަމަށްވަނީ ބެލެވިފައެވެ. ނިއުޒީލެންޑުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އޭނާ ކޮށްފައިވާ ހަރުދަނާ މަސައްކަތުގެ ސަބަބުން ގިނަ ބައެއްގެ ތާޢީދުވަނީ އޭނާއަށް ލިބިވަޑައިގަންނަވާފައެވެ. އިދިކޮޅު ފަރާތްތަކުންވަނީ ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުގެ ބޭނުންކޮށް، ކޮންމެ ދުވަހަކުވެސް ޓީވީއަށް އަރުއްވާ ރައްޔިތުންގެ ހިތްހަމަޖައްސައިދިނުމަށް އާޑަން މަސައްކަތްކުރައްވަމުންދަނީ ތާއީދު ހޯއްދެވުމަށްކަމަށް ތުހުމަތުކޮށްފައެވެ. އަދި އެފަދަ ފުރުޞަތުތައް ސިޔާސީ އެހެން ޕާޓީތަކަށް ނުލިބޭކަމަށް އެ ފަރާތްތަކުންދަނީ ބުނަމުންނެވެ.

އިންތިޚާބު ފަސްކުރުމުން ކޯވިޑް-19ގެ ސަބަބުން ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތަކުގެ ހަޤީޤީ އަސަރު ކުރިއަށް އޮތް ދުވަސްތަކުގައި ޢާންމުންނަށް ފެންނަން ފެށުމުން އާޑަންއަށް އޮތް ތާއީދު ކޮންމެވެސް ވަރަކަށް ދަށަށް ދާނެކަމަށް އިދިކޮޅު ފަރާތްތަކުން އުއްމީދުކުރެއެވެ.

5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއުޒީލެންޑުގައި 102 ދުވަސް ވަންދެން ކޯވިޑް-19 ޖެހިފައިވާ މީހަކު ނުފެނި އޮތުމަށްފަހު ބަލިޖެހިފައިވާ މީހުންވަނީ އަލުން ފެންނަން ފަށައިފައެވެ. އޭގެ ސަބަބުން އެ ޤައުމުގެ އޮކްލެންޑު ސިޓީވަނީ އޮގަސްޓު މަހުގެ 26ވަނަ ދުވަހާ ހަމައަށް ފުރަބަންދުކޮށްފައެވެ. އެހެން ސިޓީތަކާއި އަވަށްތަކުގައިވަނީ އިޖުތިމާޢީ ގައިދުރުކުރުމުގެ ފިޔަވަޅުތައް ތަންފީޒުކޮށްފައެވެ. މި ވަގުތު ކޯވިޑް-19އަށް ފަރުވާ ހޯދަމުންދާ 69 މީހުން އެ ޤައުމުގައި އެބަތިއްބެވެ.