ދުނިޔޭގެ ވިޔަފާރި

އަލީބާބާ ކުންފުންޏާ ދެކޮޅަށްވެސް އެމެރިކާއިން ފިޔަވަޅު އަޅަނީ


އެމެރިކާގައި ވިޔަފާރިކުރާ ޗައިނާގެ އިތުރު ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ޗައިނާގެ އިތުރު ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ދެއްވާފައި މިވަނީ، ޓިކްޓޮކް އަދި ވީޗެޓް ހިންގާ ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ ޗައިނާގެ އިތުރު ކުންފުނިތަކާމެދު ފިޔަވަޅު އެޅުމަށްޓަކައި ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ. އޭގެ ތެރޭގައި މަޝްހޫރު އަލީބާބާ ކުންފުނި ހިމެނެތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެކުންފުންޏާމެދުވެސް ފިޔަވަޅު އެޅުމަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ. ނަމަވެސް އޭގެ މާބޮޑު ތަފްސީލެއް އޭނާއަށް ނުދެއްވައެވެ.

އެމެރިކާގައި ވިޔަފާރިކުރާ ޗައިނާގެ ކުންފުނިތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އެމެރިކާއިން ފަށާފައިވާއިރު، މަޝްހޫރު ޓިކްޓޮކް ހިންގާ ބައިޓްޑާންސް ކުންފުންޏާއި ވީޗެޓް ހިންގާ ޓެންސެންޓް ކުންފުނީގެ އެމެރިކާގެ އޮޕަރޭޝަން އެމެރިކާގެ ކުންފުނިތަކަށް ބަދަލުކުރުމަށް އެމެރިކާ ސަރުކާރުން ވަނީ މުހުލަތެއް ދީފައެވެ.

އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި ޗައިނާގެ ކުންފުނިތަކުން ދަނީ އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް އެކިއެކި މަޢުލޫމާތުތައް ހޯދަމުންނެވެ. ނަމަވެސް ޗައިނާގެ ކުންފުނިތަކުން މިކަން ދޮގުކުރެއެވެ.