ޚަބަރު

އިސްމާޢީލް ރަޝީދުގެ ޢާއިލާއަށް މިދަނީ އެހީތެރިކަން ފޯރުކޮށްދެމުން - އެމްއޭސީއެލް


މިމަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ފަރުވާދެނިކޮށް ނިޔާވި އިސްމާޢީލް ރަޝީދުގެ ޢާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްއިން މިހެން ވިދާޅުވީ ވަޒީފާގެ ވަޖިބު އަދާކުރަމުންދަނިކޮށް ލިބޭ ގެއްލުމަށް ކުންފުނިތަކުން ޒިންމާވާން ޖެހޭނެކަމަށްބުނެ ސޯޝަލް މީޑިއާގައި އާންމުން ޚިޔާލު ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެމްއޭސީއެލްގައި ވަޒީފާ އަދާކުރަމުން ދިޔަ، އުމުރުން 46 އަހަރުގެ އިސްމާއިލް ރަޝީދަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ފިއުލް ސްޓޯރޭޖު ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު އަނިޔާތައްކަށް ފަރުވާދެމުން ދަނިކޮށް ވަނީ ނިޔަވެފައެވެ.

ޖުމުލަ 26 އަހަރުގެ ދިގު މުއްދަތެއްގައި އެކުންފުންޏަށް އިހްލާސްތެރިކަމާއި އެކު ޚިދުމަތްކޮށް އެންމެ ފަހުން ފިއުލް ފާމްގެ ސީނިއަރ ޓެކްނީޝަނެއްގެ ގޮތުގައު މަސައްކަތްކުރި އިސްމާއިލް ރަޝީދުގެ މަސައްކަތުގެ އަގު އަބަދުވެސް ވަޒަންކުރާކަމަށް އެމްއޭސީއެލްއިން ނެރުނު ބަޔާނުގައި ވެއެވެ. މި ޙާދިސާ ހިނގިގޮތް މިހާރުވެސް ތަހުޤީޤްކުރަމުންދާއިރު މިފަދަކަމެއް ތަކުރާރުވިޔަނުދީ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެބަޔާނުގައިވެއެވެ. އަދި އިސްމާއިލް ރަޝީދުގެ އާއިލާއަށް ކުރިމަތިވެފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި އޭނާގެ އިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވިދާޅުވިއެވެ. އެމްއޭސީއެލުން ވަނީ އިސްމާއިލް ރަޝީދު ނިޔާވުމުގެ ހިތާމައިގައި އެއާއިލާއަށް ތައުޒިޔާވެސް ފޮނުވާފައެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ލިބުނު ޒަޚަމްތަކަށް އޭނާއަށް ފަރުވާދެމުން އައީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ފިއުލް ސްޓޯރޭޖު ސަރަހައްދުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، މި އޮގަސްޓް މަހުގެ 10 ވީ ހޯމަ ދުވަހުގެ އިރުއޮއްސި 18:15 ހާއިރުގައެވެ. އެއާޕޯޓުގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ އެތަނުގައި ރޯވި އަލިފާން ކުޑައިރުކޮޅެއްގެ ތެރޭގައި ނިވާލާފައެވެ.