ޚަބަރު

އައްޑޫ ސިޓީގެ މަގުތަކާގުޅޭ ދެއެއްބަސްވުމެއްގައި ސޮއިކުރުން


އައްޑޫ ސިޓީގެ ލިންކް ރޯޑްގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، މަގުތައް މަރާމާތުކުރުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިދެއެއްބަސްވުމުގައި ސޮއިކުރެއްވީ، ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި،  މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމްއެވެ.އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިޔާއަށް މަޢުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، 1.2 މިލިއަން ރުފިޔާގެ "ރޯޑް ސޭފްޓީ އަޕްގްރޭޑިންގ ޕްރޮޖެކްޓް"ގެ ދަށުން، މަގުމަތީގެ ނިޝާންތައް ހަރުކޮށް، ލިންކް ރޯޑް ގައި ސްޕީޑް ބްރޭކަރސްތައް ހެދިގެންދާނެކަމަށެވެ. އަދި އައްޑޫ ސިޓީގެ "ރޯޑް މެއިންޓެނަންސް ޕްރޮޖެކްޓް"ގެ ދަށުން މަގުތަކުގައި ފެންހެދޭ ތަންތަން ރަނގަޅުކޮށް އެއްވަރު ކުރުމުގެ މަސައްކަތްް ފަދަ މަރާމާތުގެ މަސައްކަތް ކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ އައްޑޫ ސިޓީގެ ލިންކް ރޯޑް މަރާމާތުކޮށް އަަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ބައިނަލްއަޤްވާމީ މިންގަނޑުން އެފަދަ މަގުތަކުގައި ބޭނުންކުރެވޭ ތަކެތިންކަމުގައެވެ.މިއަދު ސޮއިކުރި "ރޯޑް ސޭފްޓީ އަޕްގްރޭޑިންގ ޕްރޮޖެކްޓް"ގެ މަސައްކަތަކީ 90 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮޖެކެވެ. އަދި "ރޯޑް މެއިންޓެނަންސް ޕްރޮޖެކްޓަކީ"، މަރާމާތުކުރަންޖެހޭ މަގުތަކުގެ މަސައްކަތަށް އެއްބަސްވެފައިވާ އަގުތަކަށް ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.