ޚަބަރު

ޖިނާޢީ މައްސަލަތަކުގައި ސިިއްރު ހެކިބަސް ނެގޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި


ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ މަޤްޞަދުތައް ގެއްލުނަ ނުދިނުމަށްޓަކައި ޖިނާޢީ މައްސަލަތަކުގައި ސިއްރު ހެކިބަސް ނެގޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައަޅާފައި މިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ތަޙުޤީޤަށް ފޯނު ނުދެއްވިކަމަށް ބުނާ މައްސަލާގައި އިއްވާފައިވާ ދޮޅު އަހަރުދުވަހުގެ ޙުކުމް ބާޠިލުކުރުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައެވެ. ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު މިހާރު އޮންނަގޮތުން ސިއްރު ހެކިބަސް ނުނެގޭނެއެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 149ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ހެކިބަސް ނަގަންވާނީ ޝަރީޢަތުގެ މަޖިލީހަށް ހެކީން ޚާޒިރުކޮށްގެންކަމަށް ޤާނޫނުގައި ބުނެފައިވީ ނަމަވެސް، ހެއްކާބެހޭ ޤާނުނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައެވެ. އަދި އެޤާނޫނުގައި ހެކިބަސް ދޭމީހުން ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ހެކިބަސް ނެގުމުގެ އިޙްތިޔާރު ފަނޑިޔާރަށް ޤާނޫނުން ލިބިދެއެވެ.

އަދި ސިއްރު ހެއްކާބެހޭ އެއްވެސް ވާހަކައެއް ހެއްކާބެހޭ ޤާނޫނުގައިވެސް ބަޔާންކޮށްފައި ނުވާތީ ޙުކުމުގެ އެބައި ދައުލަތުން އިސްތިއުނާފްކުރުމުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާޤުން ކުރި ޙުކުމުގައި ބުނެފައިވަނީ ޖިނާޢީ އިޖުރާޢަތުގެ ޤާނުނުގައި ސިއްރު ހެކިބަސް ނެގޭނީ ހެއްކާބެހޭ ޤާނޫނުގައި ބުނެފައިވާގޮތަށްވާއިރު، އެގޮތެއް އެޤާނުގައި ނެތުމަކީ އިންސާފުން ޝަރީޢަތްތައް ކުރުމުގެ ހައްޤަށް ހުރަސްއެެޅި ހެކިވެރިންގެ ޤާނޫނީ ހައްގަށްވެސް ހުރަސްއެޅިދާނެ ކަމެއްކަމަށެވެ.

ސުޕްރީމް ކޯޓުގެ ޙުކުމުގައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މަގުސަދާއި އެޤާނޫނުގެ 149ވަނަ މާއްދާ އެކުލަވާލެވިފައިވާ ގޮތާއި އެމާއްދާގައިވާ އިޖުރާއަތްތަކާ ގުޅުންހުރި އެހެނިހެން އުސޫލުތަކާއި އެ މާއްދާއަށް ޢަމަލުނުކުރެވޭ ގޮތް މެދުވެރިވެއްޖެ ނަމަ އެކަމުގެ ސަބަބުން ޤާނޫނުއަސާސީގައިވާ އަސާސީ ހައްގެއް ގެއްލިގެންދާނެކަން ނުވަތަ ނޫންކަމާމެދު ސަމާލުވެ ފާރަވެރިވާންޖެހޭ ކަންކަމަށް ސަމާލުވެ ފާރަވެރިވެ ނުވެ ކޮށްފައިވާ، ތިލަ މާނަ ކުރުމެއްކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން 2016ވަނަ އަހަރުގެ އޭޕްރިލް މަހުގެ 18ވަނަ ދުވަހު ފާސް ކުރި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޭގެ 39 އަހަރާއި ހަ މަހާއި 24 ކުރިން ފާސްކޮށްފައިވާ ގާނޫނަކަށް، މިޙުކުމުގައި ހަވާލާދީފައި އޮތް އޮތުމަކީ ފާޅުކަންބޮޑުގޮތެއްގައި ގާނޫނީ ލިޔުމުގައި ލިޔެވިފައިވާ ކުށެއް ކަމުގައި ބަލަން ޖެހޭކަމަށް ބުނެފައިވެއެވެ. ސަބަބަކީ ރައްޔިތުންގެ މަޖިލީހުން ޖިނާއީ އިޖުރާއަތުގެ ގާނޫނު އެކަށައެޅި މަގުސަދު ހާސިލުނުވާނެހެން އެ ގާނޫނުގައި އެ މަޖިލީހުން މާއްދާއެއް ހިމެނުމަކީ އެ ގާނޫނުން ހައްލު ކުރުމަށް ބޭނުންވާ މައްސަލަ ހައްލު ވާނެ ކަމެއް ނޫންކަމަށް ބުނެފައިވެއެވެ.

ތިން ފަނޑިޔާރުންގެ އިްްތިފާޤުން ކުރެއްވި މިޙުކުމުގައި ވަނީ އެފަދަ ކަންކަމުގައި ކޯޓުތަކުން ހައްލު ހޯދައިދިނުމުގެ ބޭނުމަކީ މަޖިލީހަށް ހެދިފައިވާ އޮޅުންތަކުގެ ސަބަބުން ޤާނޫނުގެ މަގްސަދު ހާސިލްކުރަން ހުރަސް އެޅުނަ ނުދިނުންކަމަށެވެ.

މީގެ ކުރިން ސިއްރުން ހެކި ބަސް ނަގަމުން ދިޔައީ ކުރީގެ ގަޒިއްޔާތަކާ ހަވާލީ އެގޮތަށް އަމަލުކުރަމުން އައިސްފައިވާތީއެވެ.