ވިޔަފާރި

ކެޕިޓަލް މާކެޓާބެހޭ ޝަރީޢާ އެޑްވައިޒަރީ ކައުންސިލުގެ ދައުރު އިތުރުކޮށްފި


ކެޕިޓަލް މާކެޓާބެހޭ މިނިވަން ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ ދައުރު އިތުރުކޮށްފިއެވެ.

މިކައުންސިލުގެ ދައުރު އިތުރުކޮށްފައިވަނީ ކެޕިޓަލް މާރކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލްގެ އައު ގަވާއިދާއިއެކުއެވެ. ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭއިން ބުނީ އައު ގަވާއިދަށް ގެނެސްފައިވަނީ މައިގަނޑު ދެ ބަދަލެއްކަމަށެވެ. އެއީ ކައުންސިލް މެންބަރުންގެ ދައުރު އިތުރުކުރުމާއި، ކައުންސިލަށް ހޮވާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކަށަ ގެނައި ބަދަަލުކަމަށެވެ. މިގޮތުން ސީއެމްޑީއޭއިން ބުނީ ކައުންސިލްގެ މެންބަރުންގެ ދައުރު މިހާރު ވަނީ 3 އަހަރުން 5 އަހަރަށް ބަދަލުކޮށްފައި ކަމަށެވެ. އަދި ކައުންސިލަށް ހޮވޭ ފަރާތްތަކުގެ ޝަރުތުތައް ކުރިޔަށްވުރެ ލުއިކޮށްފައިކަމަށެވެ.

ސީއެމްޑީއޭއިން ބުނީ މި ގަވާއިދުގެ ބޭނުމަކީ ޝަރީޢާ ކައުންސިލުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، މެންބަރުކަމަށް ޝައުޤުވެރިވާ ފަރާތްތައް އިތުރުކޮށް، މީހުން ހޯދުމަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށް މަގުފަހިކުރުންކަމަށެވެ.

ކެޕިޓަލް މާރކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލްގެ ގަވައިދަކީ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ ގަވާއިދެކެވެ. އައު ގަވާއިދުގެ މަޤްސަދަކީ ޝަރީއާއާބެހޭ ކަންކަމުގައި ސީއެމްޑީއޭއަށް ލަފާދިނުމަށްޓަކައި "ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލް"ގެ ނަމުގައި ކައުންސިލެއް އުފައްދައި، އެ ކައުންސިލަށް ބޭނުންވާ އެންމެހާ ކަންކަން ގަވާއިދުގައިވާ ގޮތުގެ މަތިން ހަމަޖެއްސުމެވެ. އަދި އިސްލާމިކް ކެޕިޓަލް މާކެޓެއް ރާއްޖޭގައި ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ ޓެކްނިކަލް އެހީތެރިކަން މިކައުންސިލުން ހޯދުމެވެ. އައު ގަވައިދެއްގެ ގޮތުގައި ގެޒެޓުކުރުމުން، 2013 ވަނަ އަހަރު ނެރުނު ކެޕިޓަލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލުގެ ގަވާއިދު ވަނީ އުވިފައެވެ.

މިގަވާއިދުގައި އަލަށް އުފައްދާ ކައުންސިލްގެ މެންބަރުންގެ މަސްއޫލިޔަތްތަކާއި، އެކިއެކި ތަފްސީލްތައް ހިމެނެއެވެ. މިގޮތުން "ކެޕިޓަލް މާކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލް" ގައި 5 ނުވަތަ 7 މެންބަރުން ތިބެންޖެހޭނެއެވެ. މިކައުންސިލުގެ މެންބަރުން އައްޔަނު ކުރަންވާނީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށް ސީއެމްޑީއޭއިން ބުނެއެވެ. އަދި އައު އެޑްވައިޒަރީ ކައުންސިލުގެ މެންބަރުން ޢައްޔަނުކުރުމުގެ މަސައްކަތްތައް އޮތޯރިޓީން މިހާރުދަނީ ކުރަމުންނެވެ.

ސީއެމްޑީއޭއިން ބުނީ މި ގަވާއިދުގެ ދަށުން އުފައްދާ ކައުންސިލުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އޮތޯރިޓީން ހުށަހަޅާ މައްސަލަތަކުގައި ޝަރުއީ ލަފަޔާއި ރޫލިންގ ފޯރުވައިދިނުމާއި، އޮތޯރިޓީން ރެގިއުލޭޓްކުރާ ފަރާތަކުން ހުށަހަޅާ މައްސަލައެއްގައި ޝަރުއީ ލަފަޔާއި ރޫލިންގ ފޯރުވައިދިނުން އަދި އިސްލާމިކް ކެޕިޓަލް މާކެޓް ދެމެހެއްޓުމުގައި ފޯރުވައިދޭންޖެހޭ އެހެންވެސް ޝަރުއީ ލަފާ ދިނުން ހިމެނޭއެވެ. މިގަވާއިދުގައި ކައުންސިލުގެ މެންބަރުކަމުން ވަކިކުރެވޭނެ އެކި ހާލަތްތައްވެސް ބަޔާންކޮށްފައިވެއެވެ.

އައު ގަވާއިދު ނެރުނުއިރު މިހާރު އޮތް ކެޕިޓަލް މާރކެޓް ޝަރީޢާ އެޑްވައިޒަރީ ކައުންސިލްގެ މުއްދަތު ވަނީ ހަމަވެފައެވެ. މިހާރު އެ ކައުންސިލްގައި ތިއްބަވަނީ ޑރ. އައިޝަތު މުނީޒާ އާއި ޑރ. އަބްދުއްސައްތާރު އަބްދުއްރަޙްމާން އަދި ޝައިހު ނިމާލް މުހައްމަދު އަދި މަރިޔަމް ޝަބާނާގެ އިތުރުން ޝައިހު އިއްޒުއްދީން އަދްނާނެވެ.