ވިޔަފާރި

މޫދުކޮށީގައި ބޮޑުކޮށްފައިވާ ކަސް ފާނަ މާކެޓަށް ނެރުމަށްޓަކައި ނީލަން ފަށައިފި


ރާއްޖޭގައި މުޅިން އަލަށް މޫދުކޮށީގައި ބޮޑުކޮށްފައިވާ ކަސް ފާނަ މާކެޓަށް ނެރުމަށްޓަކައި އާންމުކޮށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ނީލަން ކިޔަން ފަށައިފިއެވެ.

މިމަޝްރޫއަކީ ވަރލްޑް ބޭންކުގެ އެހީގައި ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން، ދިވެހިރާއްޖޭގައި މެރިކަލްޗަރ ތަރައްޤީކުރުމަށްޓަކައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ ފަރާތުން ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގާ މަޝްރޫއެއްކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓްރީން ބުނީ ކަސް ފާނަ މާކެޓަށް ނެރުމަށްޓަކައި، އާންމުކޮށް ހުޅުވާލައިގެން ބާއްވާ ނީލަން 16 އޯގަސްޓުން ފެށިގެން 19 އޮގަސްޓުގެ ރޭގަނޑު 8:00 ގެ ނިޔަލަށް ކުރިޔަށް ދާނެކަމަށެވެ. މިނީލަން ކުރިޔަށް ދަނީ އޮންލައިންކޮށް "auction.mmri.gov.mv" ވެބްސައިޓް މެދުވެރިކޮށެވެ. އަދި މިނީލަމުގައި ބައިވެރިވެވޭނީ 11 އޮގަސްޓު 2020 ގައި ހުޅުވާލި ރަޖިސްޓަރީވުމުގެ ފުރުސަތުގައި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރި 6 ފަރާތަށްކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ. ފިޝަރީޒް މިނިސްޓްރީން ނީލަން ފެށޭ އަގަކީ 400 ގްރާމުން މަތީ ކޮންމެ ފާނައަކަށް 100 ރުފިޔާގެ ނިސްބަތުން އ.ދ މަހިބަދޫގައި ހުރި ފާނައިގެ ޖުމްލަ އަދަދަށް ޖެހޭ މިންވަރުން ކަމަށެވެ.

މިނިސްޓްރީއިން ބުނީ މިފަހަރު ނީލަންކިޔާ ފާނައަކީ އަރިއަތޮޅު ދެކުނުބުރީ ކައުންސިލާއި، އެއަތޮޅު މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެތީ ރަށު ކައުންސިލްތަކާއި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގުޅިގެން އެ ހަތަރު ރަށުގައި ޖަނަވަރީން 2020 އިން ފެށިގެން ހިންގަން ފެށުނު ޕައިލެޓް ޕްރޮޖެކްޓެއްގެ ތެރެއިން، މަހިބަދޫން ހޮވާލެވުނު ޖުމްލަ 7 ގޭބިސީއަކުން ބޮޑުކޮށްފައިވާ ފާނަ ކަމަށެވެ.

މި ފަރާތްތަކަށް ޕްރޮޖެކްޓްގެ ފަރާތުން މޫދުކޮށްޓާއި، ކުދި ފާނައާއި، މަސްކާނާގެ އިތުރުން މި މަސައްކަތަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދީފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި އާލާކުރުމުގެ މަރުހަލާގައި ފަންނީ ލަފާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ މެރިކަލްޗަރ ޓީމުން ފޯރުކޮށްދީފައިވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެެެއެވެ. މަހިބަދޫ ގޭބިސީތަކަށް ހަވާލުކުރެވުނު 7000 ފާނައިގެ ތެރެއިން، 400 ގްރާމަށްވުރެ ބޮޑުވެފައިވާ ފާނައިގެ ޖުމްލަ އަދަދަކީ 4285 އެވެ.

މަހިބަދޫ، އޮމަދޫ، ދަނގެތި އަދި ދިގުރަށުން ޖުމްލަ 19 ފަރާތަކުން މި ޕައިލެޓް ޕްރޮޖެކްޓްގައި ބައިވެރިވެފައިވާއިރު، މިހާތަނަށް ތަކެތި ދެވިފައިވަނީ މަހިބަދޫގެ 7 ގޭބިސީގެ އިތުރުން އޮމަދޫއިން ހޮވާލެވުނު 4 ފަރާތަކަށްކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މިވަގުތު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑްގެ ސަބަބުން މި މަސައްކަތް ދިގުރަށާއި ދަނގެތީގައި ފެށުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަސައްކަތަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ކުރިއަރުވައި، ގިނަ ރައްޔިތުންނަށް އިޤްތިޞާދީ ނަފާ ލިބޭ މަސައްކަތެއްގެ ގޮތުގައި މެރިކަލްޗަރ ތަޢާރަފުކުރުމަށް މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ހިންގަމުންދާ ދިގުމުއްދަތުގެ ޕްރޮގްރާމެއްގެ އެއް ގޮތްޕެވެ. ހެޗަރީގައި ފާނަ ވިއްސައި، މިތަކެތި މޫދުކޮށީގައި ބޮޑުކުރެވޭ މިންވަރަށް ބޮޑުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ މެރިކަލްޗަރ ޕްރޮގްރާމްގެ ދަށުން ކޮށްފައެވެ.