ދުނިޔެ

އީރާނާ ގުޅޭ މަޝްވަރާތަކުގައި އެމެރިކާއިން ބައިވެރިވާނެކަމަކަށް ނުބެލެވޭ


އީރާނާ ގުޅޭ ގޮތުން މަޝްވަރާތައް ކުރުމަށް ދުނިޔޭގެ ލީޑަރުން ބައްދަލުކުރުމަށް ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ގޮވާލެއްވި ގޮވާލެއްވުމަށް އެމެރިކާއިން އިޖާބަދޭނެކަމަށް ނުބެލެވޭކަމަށް އެ ޤައުމުން ބުނެފިއެވެ.

އީރާނަށް ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހަށް ހަމަވާތީ އެ އެއްބަސްވުން އައުކުރުމަށް އެމެރިކާއިން އދގެ ސަލާމަތީ މަޖިލީހަށް ހުށައެޅި ހުށައެޅުން ވަނީ ނާކާމިޔާބުވެފައެވެ. އެ މަޖިލީހުގެ ދާއިމީ މެންބަރުންކަން ކުރާ ރަޝިޔާއާއި ޗައިނާއިން ވޯޓުދިނީ އެމެރިކާގެ ހުށަހެޅުމާ ދެކޮޅަށެވެ. ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތް ހިމެނޭގޮތަށް 11 ޤައުމަކުން ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.

ހުށަހެޅުމާ އެއްކޮޅަށް ވޯޓުދިނީ ހަމައެކަނި އެމެރިކާއާއި ޑޮމިނިކަން ރިޕަބްލިކުންނެވެ. ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުކަން ކުރާ ޤައުމުތައް ކަމުގައިވާ ރަޝިޔާއާއި ޗައިނާ އާއި އެމެރިކާއާއި އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތް، މިއިން އެއްވެސް ޤައުމަކުން ހުށަހެޅުމާ ދެކޮޅު ހަދައިފިނަމަ ފާހެއް ނުކުރެވޭނެއެވެ. ހުށަހެޅުން ފާސްކުރުމަށް ސަލާމަތީ މަޖިލީހުގެ 9 ޤައުމުގެ ތާޢީދުވެސް ބޭނުންވެއެވެ.

އީރާނަށް ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުން އާ ކުރަން ކުރި މަސައްކަތް ނާކާމިޔާބުވުމުން އިރާނާއި ދެކޮޅަށް ދަތިކިރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ. މިގޮތުން 2015ވަނަ އަހަރުގެ ނިއުކުލިއާ އެއްބަސްވުމުގެ ދަށުން އީރާނާ ދެކޮޅަށް އދ. އިން އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ރުޖޫޢަކުރާނެކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މި އެއްބަސްވުމުން 2018 ވަނަ އަހަރު އެމެރިކާވަނީ ވަކިވެފައެވެ.

އެމެރިކާގެ މި އިންޒާރުގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވިޔަ ނުދިނުމަށް އިތުރު މަޝްވަރާތަކެއް ފެށުމަށް ދުނިޔޭގެ އިސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންވަނީ ހުށަހަޅުއްވާފައެވެ.

ޕުޓިންގެ ހުށަހެޅުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު ވިދާޅުވީ އެ ބައްދަލުވުމުގައި އެމެރިކާއިން ބައިވެރިވާނެކަމަށް ނުބެލެވޭ ކަމަށެވެ. އަދި އަންނަ ހަފުތާގައި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފައްޓަވާނެކަމަށް ޓްރަމްޕު ވިދާޅުވިއެވެ.

އެމެރިކާއިންވަނީ ސަލާމަތީ މަޖިލީހުގެ ނިންމުމާމެދު ހިތާމަކުރާކަމަށް ބުނެފައެވެ. އެއީ އެ މަޖިލީހަށް ހެދުނު ބޮޑު ގޯހެއްކަމަށް ދެކޭކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ހުށަހެޅުމަށް ސަލާމަތީ މަޖިލީހުން ތައީދު ނުލިބުމުން އީރާނުންވަނީ އެމެރިކާއަށް މަލާމާތުގެ ގޮތުން ބަހުގެ ހަމަލާތަކެއް ދީފައެވެ.

އީރާނުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވީ އެމެރިކާއަށް ސަލާމަތީ މަޖިލީހުގައި ތާއީދާއި އެއްބާރުލުން ނުލިބުމުން އެމެރިކާ ލަދުގަނެފައިވާކަމަށެވެ. އަދި އެތައް ދުވަހެއް ކުރިން އީރާނަށް ގެއްލުން ދިނުމަށް އެމެރިކާއިން ފެށި މަސައްކަތުގެ ބަދަލުގައި އެ ޤައުމާ އެއްކޮޅަށް ލިބިފައިވަނީ އެންމެ ވޯޓެއްކަމަށް ރޫޙާނީ ފާހަގަކުރެއްވިއެވެ. އެމެރިކާގެ އަމިއްލަ ރޭވުން ނާކާމިޔާބުވީ ލަދުވެތި ގޮތަކަށްކަމަށް އޭނާ ވިދާޅުވިއެވެ.