ޚަބަރު

ޔޫއޭއީއާއެކު އޮންނަ ޚާރިޖީ ގުޅުން ކަނޑާލުމަށް ތުރުކީވިލާތުން ވިސްނަނީ


ޔޫއޭއީއާއެކު އޮންނަ ޚާރިޖީ ގުޅުން ކަނޑާލުމާމެދު ވިސްނަވަމުންދާކަމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އެމެރިކާ މެދުވެރިވެ އިސްރާއީލާއި ޔޫއޭއީއާ ދެމެދު ގުޅުން ޤާއިމްކުރުމަށް އެއްބަސްވުމެއް ވެފައިވާކަމަށް އެމެރިކާއިންވަނީ އިޢުލާނުކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ހެދުމަށް އެ ޤައުމުން ކުރަމުން ގެންދާ މަސައްކަތް ފަސްކުރުމުގެ ބަދަލެއްގެ ގޮތުގައި ޔޫއޭއީއާއި އިސްރާއީލާދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރާނެއެވެ. އެ އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދެމެދުގައި ވައިގެ ސީދާ ދަތުރުތައް ފަށައި އެމްބަސީ ޤާއިމްކުރުމަށް މަގުފަހިވާނެއެވެ.

ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާއިން ބުނީ އިސްރާއީލާއެކު ޔޫއޭއީއިން އެފަދަ އެއްބަސްމުވެއް ޤާއިމްކުރުމަކީ މަޢާފު ކުރެވޭވަރުގެ ޢަމަލެއް ނޫންކަމަށެވެ. ތުރުކީވިލާތުގެ ރައީސް އުރުދުޣާން ވިދާޅުވީ ފަލަސްޠީނާ ދެކޮޅަށް ޔޫއޭއީއިން ނިންމާފައިވާ ނިންމުމަކީ ޤަބޫލުކުރެވޭނެކަމެއް ނޫންކަމަށާއި ޔޫއޭއީގައި ހުރި ތުރުކީވިލާތުގެ ޚާރިޖީ އިދާރާ ބަންދުކުރުމަށް ނުވަތަ އެ ޤައުމުގައި ތިބި ސަފީރުން އަނބުރާ ގެނައުމަށް ވިސްނަވަމުންދާކަމަށެވެ.

ޔޫއޭއީއަކީ އިސްރާއިލާއެކު ފުރިހަމަ ޚާރިޖީ ގުޅުން ޤާއިމްކުރާ އަރަބި ތިންވަނަ ޤައުމެވެ. 1979ވަނަ އަހަރު މިޞްރުންވަނީ އިސްރާއީލާއެކު ޚާރިޖީ ގުޅުން ޤާއިމްކޮށްފައެވެ. އޭގެ ފަހުން 1994ވަނަ އަހަރު އުރުދުންވަނީ އިސްރާޢީލާއެކު ޚާރިޖީ ގުޅުން ޤާއިމްކޮށްފައެވެ. ޔޫއޭއީއިން އިސްރާއީލާއެކު އެފަދަ އެއްބަސްވުމެއް ޤާއިމްކުރުމަކީ ޚިޔާނާތެއްކަމަށް ފަލަސްޠީނުންވަނީ ސިފަކޮށްފައެވެ.