ޚަބަރު

ހުޅުމާލޭގައި ދަނޑުވެރިކަމުގެ ޕްރޮޖެކްޓެއް!


ހުޅުމާލޭގައި ދަނޑުވެރިކަމުގެ ޕްރޮޖެކްޓެއް ހިންގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން މަސައްކަތް ފަށައިފިއެވެ.

ހުޅުމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ "އަރބަން ފަރމިންގ" ޕްރޮޖެކްޓަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުދި ވިޔަފާރިތައް ކުރިއަރުވައި އާއިލާތަކަށް އާމުދަނީ ލިބޭނެ މަގު ފަހިކޮށްދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހިންގަން ނިންމި ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓްގެދަށުން ދަނޑުވެރިކަމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް އަދި ހުޅުވާލާފައި ނުވިނަމަވެސް، އެޗްޑީސީން މިހާރު ވަނީ މި ޕްރޮޖެކްޓްގެ މަޢުލޫމާތު ޙާމަކޮށް، މި މަސައްކަތް ކުރިއަށްގެންދާ ސަރަޙައްދު ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައެވެ.

މި ޕްރޮޖެކްޓްގެދަށުން 600 ފޫޓުގެ 16 ޕްލޮޓް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މި އޭރިއާ ތަރައްޤީކުރާނީ ދަނޑުވެރިކަމުގެ މަސައްކަތަކަށް ބޭނުންވާ ހުރިހާ ޚިދުމަތެއް އެއް ތަނަކުން ލިބޭގޮތަށެވެ. އެގޮތުން އޭރިއާގައި، ދަނޑުތަކުގައި ބޭނުންކުރާ ތަކެތި ރައްކާކުރެވޭނެގޮތާއި، ގުދަނާއި، ގަސްކާނާ ވިއްކާ ތަނަކާއި، ފާޚަނަ އާއި، މަޑުކޮށްލައިގެން ތިބެވޭނެ އޭރިއާތަށް ހިމެނެއެވެ. އަދި ސީޑް އިންކިއުބޭޓަރ ޝެޑެއްވެސް ހުންނާނެއެވެ.

މި ޕްރޮޖެކްޓްގައި ބައިވެރިވުމަށް 48 ދަނޑުވެރިން ހޮވުމަށްވަނީ ހަމަޖެހިފައެވެ. ޕްލޮޓްތަކަށް ދިނުމުގައި 40% ޚާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ. އަދި ނުކުޅެދުންތެރިކަން ހުނަ މީހުންނާއި ޒުވާނުންނަށް 30% ޕްލޮޓްވަނީ ހިމަނާފައެވެ. ބާކީ 30%ޕްލޮޓް އަށް މީހުން ހޮވާނީ އާއްމުކޮށް ހުޅުވާލައިގެންނެވެ.

އެޗްޑީސީން ވިދާޅުވީ ޕްރޮޖެކްޓްގައި ބައިވެރިވުމަށް ހުޅުވާލުމުގެ ކުރިން މަޢުލޫމާތު ދިނުމުގެ ސެޝަންތަށް ކުރިއަށްގެންދަނެކަމަށެވެ. ސްލޮޓްތަށް ދޫކޮށް، ޕްރޮޖެކްޓް ފަށާނެ ވަކި ތާރީޚެއް އަދި އެޗްޑީސީން ހާމަކޮށްފައެއް ނުވެއެވެ.

އެޗްޑީސީން މިހާރުވަނީ "އަރބަން ފަރމިންގ"އަށް ތަރައްޤީކުރާ ސަރަޙައްދު ސާފުކޮށް އެތަނުގައި މަސައްކަތް ފަށާފައެވެ. ބަައިވެރިންނާއި ދަނޑުތަށް ހަވާލުކުރާނީ ސްޓްރަކްޗަރަލް ހުރިހާ މަސައްކަތްތައް ނިންމުމަށްފަހުއެވެ. ޕްރޮޖެކްޓްގެ މަސައްކަތް ނިންމައި ބައިވެރިންނާއި ހަވާލުކުރުމުގެ ކުރިން، ޕްރޮގްރާމުގެ ބައިވެރިިންނަށް ދަނޑުވެރިކަމާއިގުޅޭ ޓްރެއިނިންގތައް އެޗްޑީސީ އާއި އެގްރިކަލްޗަރ މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.

މި ޕްރޮޖެކްޓްގެ މަަޤްޞަދުތަކުގެތެރޭގައި ރާއްޖެއިން ބޭރުން ގެންނަ ކާބޯތަކެއްޗަށް ބަރޯސާ މިންވަރު ކުޑަކޮށް، ރާއްޖޭގައި މިފަދަ ވިޔަފާރިތައް ފުޅާކުރުން ހިމެނެއެވެ.