ސިއްހަތު

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ހިނގާލުމެއް ބާއްވަނީ


ދުންފަތުން ޒުވާނުން ދުރުކުރުމުގެ ގޮތުން ހިންގި ގައުމީ ހަރަކާތް ކެންޕޭން ނިންމާލުން ފާހަގަކުރުމުގެ ގޮތުން މާދަމާ ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން- އެޗް.ޕީއޭ އިން ބުނެފިއެވެ.ޕީ.އެސް. އެމް.އަށް މައުލޫމާތުދެއްވަމުން އެޗްޕީއޭގެ ޑިރެކްޓަރ ހަސަން މުހައްމަދު ވިދާޅުވީ މި ހިނގާލުމަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހު ހިންގި ކެންޕޭން ނިންމާލުމުގެ ގޮތުން ކުރިޔަށްގެންދާ ހަރަކާތެއްކަމަށެވެ.މާދަމާ ހަވީރު ކުރިޔަށްގެންދާ މިހިނގާލުމުގައި ތަފާތު ހަރަކާތްތަކެއް ކުރިޔަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ހަރަކާތްތަކުގައި އާންމުންނަށް ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށްވެސް އެޗް.ޕީ.އޭއިން މައުލޫމާތުދެއެވެ.މާދަމާ ބާއްވާ މިހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4 ޖަހާއިރު ސޯޝަލް ސެންޓަރ ކުރިމަތިންނެވެ. އަދި މި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗުންކަމަށާއި، ހިނގާލުމަށްފަހު އެސަރަހައްދުގައި ހަރަކާތްތަކެއް ކުރިޔަށްދާނެކަމަށް އެޗް.ޕީއޭއިން މައުލޫމާތުދެއެވެ.އަދި މި ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަލު ބައިވެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މި ހިނގާލުމަކީ ހެލްތްޕްރޮޓެކްޝަން އެޖެންސީއާއި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއާއި ޔޫތް ވޮލެންޓްރީ ނެޓްވޯކްގެ އިތުރުން އެންޖީއޯ ތައް ގުޅިގެން ކުރިޔަށްގެންދާ ހަރަކާތެއްކަމަށް އެޗް.ޕީއޭ.އިން މައުލޫމާތުދެއެވެ.