ދުނިޔެ

ވެކްސިން ބޭނުންކުރުމަށް ރަޝިޔާގެ ގިނަ ޢަދަދެއްގެ ޑޮކްޓަރުން ޖެހިލުންވޭ: ދިރާސާ


ކޯވިޑް-19 ޖެހުމުން ރައްކާތެރިކޮށްދޭ ވެކްސިނެއް ފުރަތަމަ ފަހަރަށް އުފައްދާފައިވާ ރަޝިޔާގެ ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން އެ ވެކްސިން ބޭނުންކުރުމަށް ޖެހިލުންވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ރަޝިޔާގެ ޞިއްޙީ ވުޒާރާގައި އެ ވެކްސިން ދަފުތަރުކޮށްފައިވާކަމަށް ރަޝިޔާގެ ރައީސް ވުލަޑުމީރު ޕުޓިންވަނީ އިޢުލާނުކުރައްވައިފައެވެ. އެ ވެކްސިން ދަފުތަރުކުރިނަމަވެސް އިންސާނުން ބޭނުންކޮށްގެން އެ ވެކްސިން ތަހުލީލުކޮށްފައިވަނީ ދެ މަސް ދުވަހުގެ މުއްދަތަށެވެ. އެހާ ކުރު މުއްދަތެއްގެ ތެރޭގައި ވެކްސިނުގެ ރައްކާތެރިކަން ޔަޤީން ނުކުރެވޭނެކަމަށް ގިނަ ޢަދަދެއްގެ ސައިންވެރިން ޤަބޫލުކުރެއެވެ.

ރަޝިޔާގެ ފޯނު އެޕުލިކޭޝަނެއްކަމަށްވާ ޑޮކްޓާސް ހޭންޑްބުކު މެދުވެރިކޮށް ރަޝިޔާގެ 3،000އަށްވުރެ ގިނަ ޑޮކްޓަރުންނާއި ޞިއްޙީ މާހިރުންގެ މެދުގައި ކުރި ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި އަމިއްލަ ހަށިގަނޑަށް އެ ވެކްސިން ޖެހުމަށް ބޭނުންނުވާކަމަށް ދިރާސާގެ ބައިވެރިންގެ ތެރެއިން 52 އިންސައްތަ މީހުންވަނީ ބުނެފައެވެ.

ވެކްސިން ޖެހުމަށް އެއްބަސްވާނެކަމަށް ބުނީ ދިރާސާގެ ބައިވެރިންގެ 24.5 އިންސައްތައެވެ. ބަލިމީހުންނަށާއި އެކުގައި މަސައްކަތްކުރާ މީހުންނަށާއި ރައްޓެހިންނަށް ވެކްސިން ބޭނުންކުރުމަށް ބާރުއަޅާނެކަމަށް ބުނީ ދިރާސާގައި ބައިވެރިވި ޞިއްޙީ މާހިރުންގެ ފަސް ބައިކުޅަ އެއްބައެވެ.

ޑޮކްޓަރުންނެކޭ އެއްގޮތަށް ރަޝިޔާގެ ބައެއް ޔައްޔިތުންވެސް ވެކްސިން ޖެހުމަށް ޖެހިލުންވާކަމަށްވަނީ ބުނެފައެވެ. ނަމަވެސް ބައެއް މީހުން ދެކޭގޮތުގައި ވެކްސިނާމެދު ބިރުވެރިކަން އުފައްދަމުންދަނީ ވެކްސިނެއް ތައްޔާރުކުރުމުގައި ރަޝިޔާއިން ހޯދާފައިވާ ކާމިޔާބީއާމެދު ހަސަދަވެރިވާ މީހުންނެވެ.