ޚަބަރު

މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެންމެ މުހިއްމީ ހިތްވަރު-އުމަރު


މިނިވަންކަން
ދެމެހެއްޓުމަށް ބޭނުންވަނީ ހަމައެކަނި ބަޑިއާއި ޓޭންކަރު ނޫންކަމަށާއި،  ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެންމެ
މުހިއްމީ ރައްޔިތުން ގަބޫލުކުރާ ހަމަތަކާއި، އުސޫލުތަކުގެ ތެރެއިން ރައްޔިތުން
ނެރޭ ހިތްވަރާއި ވިސްނުންކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.  މިނިސްޓަރ އުމަރު މިހެން ވިދާޅުވީ، "މިނިވަން ކަމުގެ ދަތުރު - މިސްރާބު ޔަގީން" މިނަމުގައި ބާއްވާ މައުރަޒެއް ހުޅުވުމަށް  ބުރާސްފަތި ވިލޭރޭ ޤައުމީ ދާރުލްއާސާރުގައި
ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ. ދާރުލްއާސާރުގައި
ކުރިއަށްދާ މިމައުރަޒުގެ ބޭނުމަކީ ރާއްޖޭގެ މިނިވަންކަން ގެއްލުނު ފަހަރުތަކުގައި
ކަން ހިނގާދިޔަގޮތާއި، މިނިވަންކަން ހޯދުމަށް ކުރެވުނު މަސައްކަތާއި، މިނިވަންކަން
ލިބުނުފަހުން އައި 50 އަހަރުތެރޭގައި 
އެކިއެކި ދާއިރާތަކުން ޤައުމު ހާސިލްކޮށްފައިވާ ތަރައްޤީއާއި،
މިކަންކަމާއިމެދު ޢާންމުން ހޭލުންތެރިކޮށް ޢިބުރަތްލިބިގަތުމެވެ. މި މައުރަޒު
ހުޅުއްވާދެއްވާ ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ތާރީޚުން
ފެންނަގޮތުގައި ރާއްޖެއަށް ހަމަލާދޭން ބޭރުގެ އެތައް އުޅަނދަކާއި ނައުފަހަރެއް
މަސައްކަތްކޮށްފައިވާކަމަށެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ރާއްޖެއަށް
ހިމާޔަތް ލިބެނީ ރާއްޖެއަކީ ގުދުރަތީ ގޮތުން ރައްކާތެރިކަން ލިބިގެންވާ ގައުމަކަށް
ވާތީކަމަށެވެ. މިރަސްމިއްޔާތުގައި ޚާރިޖީވަޒީރު ދުންޔާ މައުމޫން ދެއްކެވި
ވާހަކަފުޅުގައި، ފާއިތުވި 50 އަހަރުގެތެރޭގައި ރާއްޖޭގެ މިނިވަންކަމުގެ އޮޑި
ބައިނަލްއަގްވާމީ މަސްރަހުގައި ދަތުރުކުރަމުން ދިޔައީ ވަރަށް ހަލަބޮލިކޮށްކަމަށާއި
މި ދަތުރުތަކުގެ މާލިމީކަން ކުރައްވާފައިވަނީ ރާއްޖޭގެ އެންމެ ކުޅަދާނަ ހިކުމަތްތެރި
ޒައީމުންކަމަށް ވިދާޅުވިއެވެ. އެއީ ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން
އަބްދުލް ގައްޔޫމްކަމަށެވެ. އަދި މިހާރުގެ ރައިސް އަބްދުﷲ ޔާމީންގެ މާލިމީކަމުގައި
މިނިވަންކަމުގެ އޮޑި ދަތުރުކުރަމުންދަނީ ކިތަންމެ ބިޔަ ރާޅެއް ނެގިނަމަވެސް އެފަދަ
ރާޅުތަކުން މި ކުޑަކުޑަ ރާއްޖެ ސަލާމަތްކޮށް އިޤްތިޞާދީގޮތުން މިނިވަންކަން
ލިބިގެންކަމަށް ވިދާޅުވިއެވެ. މި މައުރަޒުގައި
ބަހައްޓާފައިހުރި ފޮޓޯތަކާއި ވީޑިއޯތަކުން މިނިވަންކަން ލިބެނީ ކިހާ
މަސައްކަތަކުންކަމާއި، މިނިވަންކަން ދެމެހެއްޓުމަކީ ވަރަށް ބުރަ މަސައްކަތުން ކުރެވޭ
ކަމެއްކަން ދައްކުވައިދެއެވެ. މިމައުރަޒަކީ، ޑިޕާޓްމަންޓް އޮފް ހެރިޓޭޖާއި، ފޮރިންގ
މިނިސްޓްރީއާ، ނެޝަނަލް އާކައިވް، ނެޝަނަލް ލައިބްރަރީ އަދި ޕަބްލިކް ސަރވިސް
މީޑިއާ ޕީއެސްއެމް ގުޅިގެން ބާއްވާ މައުރަޒެކެވެ. މި މައުރަޒްގެ މައިގަޑު ބޭނުމަކީ
މިނިވަންކަމުގެ އަހަންމިއްޔަތާއި މިނިވަންކަމާއި ގުޅޭ ތަފާތު މަޢުލޫމާތު އާންމުފަރާތްތަކަށް އަންގައިދިނުމެވެ. މިމައުރަޒު ކުރިއަށްދާނީ ސެޕްޓެމްބަރު މަަހުގެ 3 އިން 16 އަށެވެ.