ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމަށް ދާންޖެހެނު އެންމެ ދުރަކަށް ސަރުކާރުން ދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ ބ އަތޮޅު ގޮއިދޫ ޕީޕީއެމް އެމްޑީއޭ ކޯލިޝަން ޖަގަހަ ހުޅުވައިދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ދުރުގައި ތިބިގެން ބިރުދެއްކުމުގެ ގޮތުން ފޮނުވާ މެސެޖްތަކުގެ އަޑެއް ސަރުކާރަށް ނީވޭނެކަމަށާއި، އަދި އެފަދަ ކަމަކާއި ސަރުކާރުން ކުޑަކޮށްވެސް ޖެހިލުން ނުވާނޭކަމަށް ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުންގެ މެދުގައި މިފަދަ ނާމާންކަން އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތައް ހޯދާ، ރާއްޖެއިން، ޓެރަރިޒަމާއި މީހުންނަށް ޖިސްމާނީ އަނިޔާ ދިނުން ފަދަ ކަންކަން ސަރުކާރުން ހުއްޓުވާނޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.ރައީސް ޔާމީންގެ ވާހަކަފުޅުގައި މީގެ ދެތިން އަހަރު ކުރިއާ އަޅާބަލާއިރު، މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުގެ މަގުތަކުގައި ހިނގަމުންދިޔަ މާރާމާރީތަކާއި ގުޅިގެން އުފެދިފައި އޮތް ނާމާންކަން މިހާރު ނެތްކަން ފާހަގަކުރެއްވިއެވެ. އަދި އެއީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށާއި، އެ ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައިވެސް އަޅުއްވަމުންދާނޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.ޕީޕީއެމް އެމްޑީއޭ ކޯލިޝަން ޖަގަހަ ހުޅުވައިދެއްވުމަށްފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި، މިފަދަ ޖަގަހަތަކުން ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް އެދިވަޑައިގެންނެވިއެވެ. އަދި ސަރުކާރާއި ދެކޮޅަށް ދައްކާ ހަޤީޤަތާއި ޚިލާފް ވާހަކަތަކުގެ ހަޤީޤަތް ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަށްވެސް ރަށްރަށުގެ ގޮފިތަކުގައި ހަރަކާތްތެރިވާ މެމްބަރުންނަށް ރައީސް އިލްތިމާސްކުރެއްވިއެވެ.ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުވެސް ވާހަކަދެއްކެވިއެވެ. މިރަސްމިއްޔާތުގައި ޕީޕީއެމް އެމްޑީއޭ ކޯލިޝަންގެ އިސްވެރިންނާއި، ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.