ކުޅިވަރު

ޗެމްޕިއަންސް ލީގު: ބާސެލޯނާ ލަދުގަންނަވާލުމަށްފަހު ބަޔާން ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާ ލަދުގަންނަވާލުމަށްފަހު ބަޔާން މިއުނިކް ސެމީ ފައިނަަލުން ޖާގަ ހޯދައިފިއެވެ.

ކުއާޓާ ފައިނަލުގެ ތިން ވަނަ މެޗުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން ބާސެލޯނާގެ މައްޗަށް ކުރިހޯދީ 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ޕޯޗުގަލްގެ ލިޒްބަންގައި ކުރިޔަށްދާ މުބާރާތުގެ ސެމީ ފައިނަލުގައި ބަޔާން މިއުނިކް ނިކުންނަން ޖެހޭނީ މާދަމާރޭ މެންޗެސްޓާ ސިޓީ އާއި ލިޔޯން ކުޅޭ ކުއާޓާ ފައިނަލުގެ ފަހު މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފައިވަނީ ގަދަ 16 ގައި އިޓަލީގެ ނަޕޯލީގެ މައްޗަށް 2-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ބަޔާން މިއުނިކް ކުއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ 16 ގައި ފަސޭހަކަމާއެކު ޗެލްސީ 7-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ބާސެލޯނާއާއި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ބައްދަލުކުރި މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ބަޔާނުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ރޮބާޓް ލެވަންޑޯސްކީގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ. ބަޔާނުން ލަނޑު ޖަހާ ލީޑު ނެގިތާ ތިން މިނެޓު ފަހުން އެޓީމުގެ ޑޭވިޑް އަލަބާ އަތުން ބައިކޮޅަށް ލަނޑެއް ވަދެ މެޗުގެ ނަތީޖާ ހަމަހަމަވިއެވެ. މި ލަނޑު ބައިކޮޅަށް ވަނީ ބާސެލޯނާގެ ކުޅުންތެރިއެއް ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ޑޭވިޑް އަލަބާ ކޯނަރަކަށް ބޭރުކޮށްލަން އުޅުމުގެ ތެރޭގައެވެ.

މެޗުގެ ނަތީޖާ ހަމަހަމަވެފައިވަނިކޮށް ދިހަ ވަނަ މިނެޓުގައި މެސީއަށް ވަނީ ބާސެލޯނާއަށް ލީޑު ނަގައިދިނުމަށް ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އެހެންނަމަވެސް ހުސްކޮށް ލިބުނު މި ފުރުސަތުގެ ހުރަހަކަށްވީ ގޯލުގެ އަރިމަތީ ދަނޑިއެވެ.

މެޗުގައި ދެވަނަ ފަހަރަށް ބަޔާން މިއުނިކަށް ލީޑު ނަގައިދިން ލަނޑު ބާވީސް ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗްއެވެ. އަދި މެޗުގެ އަށާވީސް ވަނަ މިނެޓުގައި ގޮރެޓްޒްކާގެ އެހީތެރިކަމާއެކު ސާޖް ނަބްރީ ވަނީ ބަޔާންގެ ތިންވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. އަދި މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން މުލާ ވަނީ އަނެއްކާވެސް ބަޔާނަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ 4-1 އަކަށް ބަދަލުކޮށްލާފައެވެ. މި މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން ބަޔާން މިއުނިކުން ދިޔައީ އިތުރު ލަނޑުތަކެއް ޖެހުމަށް ހުއްޓުމެއް ނެތި މަަސައްކަތްކުރަމުންނެވެ. ނަމަވެސް މެޗުގެ ފަންސާސް ހަވަނަ މިނެޓުގައި ޖޯޑި އަލްބާގެ އެހީތެރިކަމާއެކު ލުއިޒް ސުއަރޭޒް ވަނީ ބާސެލޯނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ހަނިކޮށްފައެވެ. ނަމަވެސް ބާސެލޯނާއިން ލަނޑެއް ޖެހިތާ ހަ މިނެޓު ފަހުން އަނެއްކާވެސް ބަޔާނުން ވަނީ އެޓީމުގެ ފަސް ވަނަ ލަނޑު ޖަހާ ތިން ލަނޑުގެ ލީޑު ދަމަހައްޓާފައެވެ. މި ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ ޖޯޝުއާ ކިމިޗްއެވެ. މި ލަނޑަށްފަހުވެސް ބަޔާން މިއުނިކުން ދިޔައީ ފުލުފުލުގައި ބާސެލޯނާގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ހަމަލާތައް ފޮނުވަމުންނެވެ.

ދެވަނަ ހާފުގައި ގިނަ ވަގުތުވެސް ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ބަޔާން މިއުނިކުންނެވެ. އެގޮތުން މެޗުގެ އަށްޑިހަ ދެވަނަ މިނެޓުގައި ކުޓީނިއޯގެ އެހީތެރިކަމާއެކު ލެވަންޑޮސްކީ ވަނީ ބަޔާންގެ ހަ ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ބާސެލޯނާއިން ބަޔާންއަށް ލޯނު އުސޫލުން ކުޅެމުން އަންނަ ކުޓީނިއޯ ވަނީ ބަޔާންގެ ހަތް ވަނަ ލަނޑު ޖަހާ ބާސެލޯނާ ލަދުގަންނަވާލާފައެވެ. އަދި މި ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން އަނެއްކާވެސް ކުޓީނިއޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 8-2 އަކަށް ބަދަލުކޮށްލާފައެވެ. މި ލަނޑަށްފަހު ކުޓީނިއޯ އުފާފާޅުކޮށްފައެއްނުވެއެވެ.