ތަޢުލީމު

ރާއްޖޭގެ ޓީޗަރުން އައި.ސީ.ޓީގެ ދާއިރާއިން ތަމްރީންކުރަނީ


ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ޓީޗަރުންނަކީ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިބަޔަކަށް ވާންޖެހޭކަމަށާއި، ޓީޗަރުންގެ ބައިނަލްއަޤްވާމީ 3 ވަނަ ކޮންފަރެންސްގައި އެންމެ ބޮޑަށް މަޝްވަރާކުރެވިގެންދިޔައީ އުނގަންނައި ދިނުމުގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުންހިފިދާނެ ގޮތްތަކުގެ މައްޗަކަމަށް ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީން ބުނެފިއެވެ.ބައިނަލްއަޤުވާމީ ޓީޗަރުންގެ 3 ވަނަ ކޮންފަރެންސް ކުރިއަށްދިޔަގޮތާއި ގުޅޭގޮތުން މީޑިޔާއަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، މިފަހަރުގެ ކޮންފަރެންސުން ފާހަގަކުރެވުނުކަމަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ، އައި.ސީ.ޓީގެ ދާއިރާއިން ޓީޗަރުން ތަމްރީން ކުރުމުގެ މުހިއްމުކަންކަމަށެވެ. އަދި ރާއްޖޭގައި ތަޢުލީމީ ނިޒާމް ޒަމާނުއްސުރެ ބައްޓަންކުރެވިފައިވަނީ އައި.ސީ.ޓީއާއި ވަރަށްވެސް ބީރައްޓެހި ގޮތަކަށްކަމަށާއި، ނަމަވެސް މި ކޮންފަރެންސް މެދުވެރިކޮށް ފަހުގެ އައި.ސީ.ޓީ ވަސީލަތްތަކާއި، އެއިން ތަޢުލީމީ ނިޒާމަށް އަންނަމުންދާ ކުރިއެރުންތަކާއި ހެޔޮބަދަލުތަކާމެދު ޓީޗަރުންގެ ލޯތައް ހުޅުވިގެންދިޔަކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން އެން.އައި.އީގެ ސްކޫލް އޮފް ރިސަރޗް އެންޑް ޑިވެލޮޕްމަންޓްގެ ހެޑް، އާނިޔަތު ޢަލީ ވިދާޅުވީ، މިފަހަރުގެ ބައްދަލުވުން ބޮޑަށް އަމާޒުކޮށްފައިވަނީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ތަޢުލީމީ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ކަމަށްވުމުން، ސަރަހައްދީ ޤައުމުތަކުން ބައިވެރިވެފައިވާ މަންދޫބުންގެ އެހީގައި މި މައުޟޫއާއި ގުޅުހުންހުރި ތަފާތު މައުލޫމާތު ބައިވެރިންނަށް ޙިއްސާކުރެވިގެން ދިޔަކަމަށެވެ. އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޓީޗަރުންގެ މައުލޫމާތު މުއްސަނދިކުރުމުގެ ގޮތުން ތަފާތު ސެޝަންތައް ކުރިއަށްގެންގޮސްފައިވާ ކަމަށް އާނިޔަތު ވިދާޅުވިއެވެ.މިފަހަރުގެ ބައްދަލުވުމުން އެއްކުރެވުނު މައުލޫމާތުގެ އަލީގައި އަންނަ އަހަރު ތަންފީޒުކުރުމަށް ހަމަޖެހިފައިވާ ޤައުމީ އާ މަންހަޖުގެ ކީ ސްޓޭޖް ދޭއް ފަރުމާކުރެވިގެންދާނީ އައި.ސީ.ޓީގެ ވަސީލަތްތައް އޭގެ އެންމެ އެކަށީގެންވާގޮތުގައި ޓީޗަރުންނަށް ހިފޭނެފަދަ ނިޒާމަކަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. އެގޮތުން މައިކްރޯސޮފްޓް ކޯޕަރޭޝަންގެ ބޭފުޅުންނާއި ގުޅިގެން ކުރިއަށްހުރި ދުވަސްތަކުގައި އައި.ސީ.ޓީގެ ދާއިރާއިން ޓީޗަރުން އިތުރަށް ތަމްރީންކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ހާމަކުރުއެވެ.