ތަޢުލީމު

ބައިނަލްއަޤުވާމީ ޓީޗަރުންގެ 3 ވަނަ ކޮންފަރެންސް ނިންމާލައިފި


ކޮންމެ އަހަރަކު ބައިނަލްއަޤުވާމީ ޓީޗަރުންގެ ކޮންފަރެންސް ނުބާއްވާގޮތަށް ހަމަޖައްސައި، މިއަހަރުގެ ބައިނަލްއަޤްވާމީ ޓީޗަރުންގެ ތިންވަނަ ކޮންފަރެންސް މިއަދު ނިންމާލައިފިއެވެ. މިފަހަރުގެ ކޮންފަރެންސް ބޮޑަށް އަމާޒުކޮށްފައިވަނީ ޓެކްނޮލޮޖީގެ އާ އީޖާދުތަކާއެކު ތަޢުލީމީ ދާއިރާ ކުރިއެރުވޭނެ ގޮތްތަކުގެ މައްޗަށެވެ. ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި، މެލޭޝިޔާގެ ޔުނިވަރސިޓީއަކާ ގުޅިގެން ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ރާއްޖޭން ބޭރުގެ 30 ފަރާތަކުން ބައިވެރިވެ ކަރުދާސް ވަނީ ހުށަހަޅާފައެވެ. މިފަހަރުގެ ކޮންފަރެންސް އަމާޒުކޮށްފައިވަނީ "ޓެކްނޮލޮޖީ އިނޭބަލްޑް ލަރނިންގ އެންވަޔަރަމެންޓް" މި ތީމަށެވެ. އެގޮތުން 21 ވަނަ ގަރުނުގައި ކިޔަވައިދިނުމުގެ ކަންތައްތައް ބައްޓަން ކުރާނެގޮތާއި، ޓެކްނޮލޮޖީގެ ވިސްނުން ބޭނުން ކޮށްގެން ކިޔަވައިދިނުމުގެ އުސޫލުތައް  ކުރިއެރުވިދާނެ ގޮތްތަކުގެ މައްޗައް މިކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ވަނީ މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްފައެވެ. މިފަހަރުގެ ކޮންފަރެންސްގައި ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް ހިއްސާކުރެވުނުކަމަށާއި، ބިނާކުރުވަނިވި ހިޔާލުތަކެއް ބައިވެރިންގެ ކިބައިން ހުށަހެޅިގެންދިޔަކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.  ބައިނަލްއަޤުވާމީ ޓީޗަރުންގެ 3 ވަނަ ކޮންފަރެންސް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ކުރެވިފައިވާ ތަޖުރިބާތަކަށް ބެލުމަށްފަހު، މިއަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މި ކޮންފަރެންސް ނުބޭއްވުމަށް މިހާރު ނިންމާފައިވާކަމަށެވެ. ސަބަބެއްކަމުގައި ސްޓޭޓް މިނިސްޓަރ ވިދާޅުވީ ކޮންފަރެންސްގައި މަޝްވަރާކުރެވޭ ކަންތައްތައް ތަންފީޒުކުރުމަށް ވަގުތުދިނުމުގެ ގޮތުންނާއި، ކޮންފަރެންސްގައި މައިގަނޑު ގޮތަކަށް މަޝްވަރާކުރަނީ ވަރަށް ޢިލްމީ ދިރާސާތަކެއްގެ މައްޗަށްކަމުން، އެފަދަ ދިރާސާތައް ތައްޔާރުކުރައްވާ ފަރާތްތަކަށްވެސް ވަގުތުދިނުމުގެ ގޮތުންކަމަށެވެ.2 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި މާލޭގެ ސްކޫލުތަކާއި، އަތޮޅުތަކުގެ ސްކޫލުތައް ތަމްސީލުކުރައްވާ 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވާއިރު، ސަރަހައްދީ 10 ޤައުމަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އިންޑިއާ، ބޫޓާން، ޔުނައިޓެޑް ކިންގްޑަމް، ނޭޕާލް އަދި ޕާކިސްތާނާއި އޮމާންގެ އިތުރުން މޮރީޝަސް ހިމެނެއެވެ. މިފަހަރުގެ ކޮންފަރެންސް ނިންމާލާފައިވަނީ  ބައިނަލްއަޤްވާމީ ޓީޗަރުންގެހަތަރު ވަނަ ކޮންފަރެންސް 2017 ވަނަ އަހަރު ބޭއްވުމަށް ކަނޑައެޅުމަށްފަހުއެވެ.