ކުޅިވަރު

ހުރިހާކަމެއް ކުރިން، އިތުރަށް ދެއްކޭނެ ބަހަނާއެއް ނެތް: ސިމިއޯނީ


މެޗުން މޮޅުވާން ހުރިހާ ކަމެއް ކުރިކަމަށާއި ދެން އިތުރަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތް ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ.

ލިޕްޒިގް އަތުން ބަލިވެ ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކެޓި މެޗަށްފަހު ވާހަދައްކަމުން ސިމިއޯނީ ބުނީ މެޗުގައި ޓީމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރިކަމަށެވެ. މުބާރާތުގައި މިހިސާބަށް އާދެވުނީ ކުރެވެންހުރި ހުރިހާ ކަމެއް ކޮށްގެން ކަމަށާއި ބަލިވުމުން ދެއްކޭނެ ބަހާނާއެއް ނެތްކަމަށެވެ. މި ނަތީޖާ އެތުލެޓިކޯއަށް އިންސާފުވެރި ނޫންނަމަވެސް ލިޕްޒިގަށް މަރުހަބާ ކިޔާކަމަށް ސިމިއޯނީ ބުންޏެވެ.

އޭނާ ބުނީ މެޗުގައި ލިޕްޒިގުން ދެއްކި އަވަސް ކުޅުމުގެ ސަބަބުން އޭނާގެ ޓީމަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނުކަމަށެވެ. އޭނާ ބުނީ 60 ދުވަސްފަހުން އަނެއްކާވެސް މުބާރަތުގެ މެޗެއް ކުޅެން ޖެހުމުން ޓީމަށް އިތުރު ޕްރެޝަރެއް ކުރިމަތިވިކަމަށެވެ. ސިމިއޯނީ ބުނީ މިއީ އުނދަގޫ ހާލަތްތައް ތަޖުރިބާކުރަން ޖެހުނު ދިގު ސީޒަނެއްކަމަށެވެ. ސިމިއޯނީ ވަނީ ވޭތުވެދިޔަ ހަ ސީޒަނުގައި އެތުލެޓިކޯ މެޑްރިޑާއެކު ދެ ފަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކޮށްފައެވެ.

މުބާރާތުގެ ކުއާޓާ ފައިނަލަށް އެތުލެޓިކޯ މެޑްރިޑް ދަތުރުކުރީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިކުރުމަށްފަހުގައެވެ.