ޚަބަރު

ލަންދޫ އިންޖީނުގެ ރައީސް ހުޅުއްވައިދެއްވައިފި


365 ކިލޯ ވޯޓްގެ ޖަނަރޭޓަރަކާއެކު ނ.ލަންދޫ އާ އިންޖީނުގެ ހުޅުވައިފިއެވެ. އިންޖީނުގެ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްއެވެ.  ނ. ލަންދޫއަށް އެންމެ ފުރަތަމަ ކަރަންޓުގެ ޚިދުމަތްދޭ ފަށާފައިވަނީ، 1985 ވަނަ އަހަރު، އެންމެ 3 ކިލޯވޮޓް ގެ ޖަނެރޭޓަރެއް ބޭނުންކޮށްގެންނެވެ. އޭރު ހަތަރު ގަޑިއިރަށް ދިން ކަރަންޓުގެ ޚިދުމަތް ރައްޔިތުންގެ މަސައްކަތުން ސައުވީސް ގަޑިއިރަށްބަދަލުކޮށްފައިވަނީ 2003 ވަނައަހަރެވެ.  އެހެންނަމަވެސް ޚިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް ހުރިކަން ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. އެ ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ކަމުގެ އުންމީދު އާވެގެންދިޔައީ، އެ ރަށުގެ ރައްޔިތުންގެ އިންޖީނުގެއާ 2010 ވަނައަހަރު ނޮދަން ޔޫޓިލިޓީއިން ހަވާލުވުމުންނެވެ. އެހެންނަމަވެސް ޔޫޓިލިޓީއިން އެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ނުދޭކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ. އޭގެ ފަހުން 2012 ވަނައަހަރު ފެނަކަ ކޯރޕަރޭޝަނުން އިންޖީންގެއާ ހަވާލުވެ، އެ ރަށުގެ ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި އިންޖީނުގެ ތަރައްގީ ކުރުމުގެ މަސައްކަތްފެށިއެވެ. އޭގެ ނަތީޖާއަކީ މިއަދު ލަންދޫގައި ހުޅުވި އާ އިންޖީނުގެއެވެ. އެ އިންޖީނުގެ ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވީ، ލަންދޫއަށް މި ލިބިގެން ދިޔައީ ވަރަށް ވަރުގަދަ އަލީގެ ޚިދުމަތެއް ކަމަށެވެ. ލަންދޫއަކީވެސް މަސައްކަތްތެރި ރައްޔިތެއް އުޅޭ ރަށެއްކަމުން ކަރަންޓުގެ ފުރިހަމަ ޚިދުމަތާއެކު، މަސައްކަތްކުރެވޭނެ ސިނާޢަތްތައް އިތުރުކޮށް، އެ ދާއިރާތަކުން މަސައްކަތް ކުރުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ. ހަ މިލިއަންނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ލަންދޫގައި އަލަށް ހުޅުވި އިންޖީނުގެއާ ބެހޭގޮތުން ވާހަކަދައްކަވަމުން ފެނަކަ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވީ، ލަންދޫ އިންޖީނުގެއާ ގުޅިގެން ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ، ރައްޔިތުން އުޅޭ ސަރަހައްދުގައި އިންޖީނުގެ ހުރުމުން ވާ އުނދަގޫތައް ކަމަށެވެ. އެހެންކަމުން އެކަމަށް ހައްލެއް ގެނެސް ފެންވަރު ރަނގަޅު އިންޖީނުގެއެއް ރައްޔިތުންނަށް ހޯދައިދިނުމަށް ރައީސް ދެއްވި އެއްބާރުލެއްވުމަކީ މިއަދު މި ފެންނަ މުޅިން އާ އިންޖީނުގެ ކަމަށް ނިމާލް ވިދާޅުވިއެވެ. 1023 މީހުން ދިރިއުޅޭ ލަންދޫގެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ގެންގޮސް އެ ރަށުގެ ކަރަންޓްގެ ފެންވަރު ރަނގަޅުކޮށް، ކޭބަލް ނެޓްވޯކްވެސް މިހާރުވަނީ އަޕްގްރޭޑްކޮށްފައެވެ.