ކުޅިވަރު

ތިނަދޫ ބަލިވި ކަމަށް ނިންމާ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފި




މިނިވަން ފަންސާސް ޗެމްޕިއަންޝިޕް ފުޓްބޯޅަ
މުބާރާތުގައި ތިނަދޫއާ ހޯޑެއްދޫ ބައްދަލުކުރި މެޗްގައި ހިނގައިދިޔަ
ހަމަނުޖެހުންތަކާ ގުޅިގެން ތިނަދޫ ޓީމު ފަންސަވީސް ހާސް ރުފިޔާއިން އަދި ހޯޑެއްދޫ
ޓީމް ހަ ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފި.



މިދިޔަ މަހުގެ ނަވާވީސްވަނަ ދުވަހު ހޯޑެއްދޫގައި
ކުޅުނު މި މެޗްގެ އެންމެ ފަހުވަގުތު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން
ހުއްޓާލަން ޖެހުނު މި މެޗްގެ މައްސަލަ ހިނގައިދިޔަގޮތް ބެލުމަށްފަހު
އެފް.އޭ.އެމްގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމާފައިވަނީ މެޗް ހުއްޓާލަން ޖެހުމުގެ
މައިގަނޑު ޒިންމާ ނަގަންޖެހެނީ ގދ.ތިނަދޫ ޓީމުން ކަމަށްވާތީ އެ ޓީމު މި މެޗުން
ތިން ލަނޑު ސުން ލަނޑުން ބަލިވި ކަމަށް ކަނޑައަޅާ ފަންސަވީސް ހާސް ރުފިޔާއިން
ޖޫރިމަނާ ކުރީކަމަށެވެ.

މީގެ އިތުރުން ތިނަދޫ ޓީމުގެ ކޯޗް އިބްރާހިމް ޝާހު މެޗްގައި
ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކޮށްފައިވާތީވެ އޭނާ ވަނީ މުޅި މުބާރާތައް
ސަސްޕެންޑްކޮށް ފަނަރަ ހާސް ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމާފައެވެ. އަދި
ކުރިއަށްއޮތްތަނުގައި ތިނަދޫ ޓީމުގެ އެއްވެސް އިޙުމާލެއް އޮވެގެން މެޗެއް
ހުއްޓާލަން ޖެހޭފަދަ ހާލަތެއް ދިމާވެއްޖެނަމަ ތިނަދޫ ޓީމު މުބާރާތުން
ވަކިކުރާނެކަމުގެ އިންޒާރުވެސް އެފްއޭއެމްއިން ވަނީ ދީފައެވެ.

އެފް.އޭ.އެމްގެ
ޑިސިޕްލިނަރީ ކޮމެޓީން ވަނީ މި މައްސަލަ ބެލުމަށްފަހު މެޗް ހުއްޓާލަން ޖެހުމުގައި
ހޯޑެއްދޫ ޓީމުންވެސް ޒިންމާ ނަގަން ޖެހޭނެކަމަށް ކަނޑައަޅާ އެ ޓީމު ހަ ހާސް
ފުރިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާފައެވެ. އަދި ހޯޑެއްދޫ ޓީމުގެ އާދަމް ލަރީފް
މެޗްގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކޮށްފައިވާތީވެ ފަސް މެޗަށް
ސަސްޕެންޑް ކޮށް ފަސްހާސް ރުފިޔާއިން އޭނާ ވަނީ ޖޫރިމަނާ ކޮށްފައެވެ.
ކުރިއަށްއޮތްތަނުގައި ހޯޑެއްދޫ ޓީމުގެ އެއްވެސް އިޙުމާލެއް އޮވެގެން މެޗެއް ހުއްޓާލަން
ޖެހޭފަދަ ހާލަތެއް ދިމާވެއްޖެނަމަ ހޯޑެއްދޫ ޓީމުވެސް މުބާރާތުން ވަކިކުރާނެކަމުގެ
އިންޒާރުވެސް އެފް.އޭ.އެމްގެ ޑިސިޕްލިނަރީ ކޮމެޓީން ވަނީ ދީފައެވެ.

ދެ ޓީމުގެވެސް
ޖޫރިމަނާ ފައިސާ ކުރިއަށް އޮތް މެޗްގެ ކުރިން ދައްކާ ނިންމަން ޖެހޭނެކަމަށް
ޑިސިޕްލިނަރީ ކޮމެޓީން ވަނީ ކަނޑައަޅާފައެވެ. އަދި މި ނިންމުންތަކާމެދު ހިތްހަމަ
ނުޖެހޭނަމަ މިމަހުގެ އަށްވަނަ ދުވަހު ބާރަ ޖެހުމުގެ ކުރިން އިސްތިޢުނާފް ކުރުމުގެ
ފުރުޞަތު އެބައޮތްކަމަށް ޑިސިޕްލިނަރީ ކޮމެޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މެޗްގެ
އެންމެ ފަހު ވަގުތު ހަމަނުޖެހުން އުފެދިގެން މެޗް ހުއްޓާލަން ޖެހުނުއިރު ދެ ލަނޑު
އެއް ލަނޑުން ކުރީގައި އޮތީ ތިނަދޫ ޓީމެވެ.