ކުޅިވަރު

މޮޅުވާ ކޮންމެ މެޗަކަށް، ކޮންމެ ކުޅުންތެރިއަކަށް ދިހަ ހާސް ރުފިޔާ




 



ޤައުމީ ޓީމް މޮޅުވާ ކޮންމެ މެޗަކަށް، ކޮންމެ
ކުޅުންތެރިއަކަށް ދިހަ ހާސް ރުފިޔާ ދިނުމަށް އެފްއޭއެމްއިން ނިންމައިފި. ރާއްޖޭގެ ޤައުމީ
ފުޓްބޯޅަ ޓީމް މޮޅުވާ ކޮންމެ އޮފިޝަލް މެޗަކަށް ކޮންމެ ކުޅުންތެރިއަކަށް ދިހަ ހާސް
ރުފިޔާގެ ބޯނަސް އެއް ދޭން ނިންމީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއިން ކަމަށް
އެއިދާރާއިން ބުނެއެވެ.

ޤައުމީ ފުޓްބޯޅަ ޓީމް މާދަމާ ފިލިޕީންސްއާ ދެކޮޅަށް އެކުވެރިކަމުގެ
މެޗަކަށް ނިކުންނައިރު، ވަރލްޑްކަޕް ކޮލިފިކޭޝަންގައި މިމަހުގެ އަށްވަނަ ދުވަހު
ނިކުންނާނީ ޗައިނާއާ ދެކޮޅަށެވެ.

މީގެ ކުރިން ކުޅުންތެރިންނަށް ބޯނަސް ދެމުން އައީ ކާމިޔާބުކުރާ ކޮންމެ މުބާރާތަކާއެކުގައެވެ. ނުވަތަ އެމުބާރާތަކަށް ކަނޑައަޅާފައިވާ ހިސާބަށް ވާސިލް ވުމުންނެވެ. އަދި ބޯނަސް ދެމުން އައީވެސް ސަރުކާރުންނެވެ. ނަމަވެސް މިއީ އެފްއޭއެމްއިން މިގޮތައް ކުޅުންތެރިންނަށް
ބޯނަސް ދޭން ނިންމި ފުރަތަމަ ފަހަރެވެ. އެފްއޭއެމްގެ މި ނިންމުމަށް ޢަމަލު ކުރަން
ފަށާނީ މިއަދުން ފެށިގެން ކަމަށްވެސް އެއިދާރާއިން ބުނެއެވެ.