ޙާލުގައި ޖެހިފައިވާ ލުބުނާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 75 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން މަސައްކަތް ފަށައިފިއެވެ.
އޮގަސްޓު މަހުގެ 4ވަނަ ދުވަހު ލުބުނާނުގެ ބައިރޫތުގައި ބޮޑު ގޮވުންތަކެއް ގޮވުމުގެ ސަބަބުން ޤައުމުގެ ޙާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެ ހާދިޘާގައި 170އަށްވުރެ ގިނަ މީހުން މަރުވެ 6.000 މީހުންވަނީ ޒަޚަމްވެފައެވެ. ހަސްފަތާލުތަކަށާއި ކުލިނިކުތަކަށާއި ޞިއްޙީ ސާމާނަށް ބޮޑެތި ގެއްލުންތައް ލިބުމުގެ ސަބަބުންޞިއްޙީ ޚިދުމަތްތައް ޢާންމުންނަށް ފޯރުކޮށްދިނުމަށްވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައެވެ. އެ ހާދިޘާ ހިނގުމުގެ ކުރިންވެސް ލުބުނާނުގެ ޙާލަތު އޮތީ ވަރަށް ގޯސްވެފައެވެ. ސިޔާސީ ހަމަނުޖެހުންތަކާއި ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދު ހީނަރުވެ ޤައުމުގެ ރައްޔިތުންވަނީ މާޔޫސްވެ ރުޅިގަދަވެފައެވެ.
ޑަބްލިއުއެޗުއޯއިން ބުނީ ބޮޑު ގޮވުންތަކުގެ ސަބަބުން 3 ހަސްފަތާލެއްގެ މަސައްކަތް އެއްކޮށް މެދުކެނޑިފައިވާކަމަށާއި އިތުރު 3 ހަސްފަތާލެއްގެ މަސައްކަތަށް ބުރޫއަރާފައިވާކަމަށެވެ. އޭގެ ސަބަބުން ޢާންމު އަދި އަމިއްލަ ހަސްފަތާލުގައި ބޭނުންކުރާ 600 އެނދުވަނީ ބޭނުންނުކުރެވިފައެވެ. އޭގެ ސަބަބުން ކޯވިޑް-19 ލުބުނާނުގައި ފެތުރޭ މިންވަރު ދަށްކުރުމަށާއި ޞިއްޙީ އެހެން މައްސަލަތަކަށް ފަރުވާދިނުމަށް ހުރަސްއެޅޭކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ.
ހާދިޘާ މެދުވެރިވި ފަހުން ހަފުތާއެއް ފާއިތުވެގެން ގޮސްފައިވާކަން ފާހަގަކޮށް ޑަބްލިއުޗުއޯއިން ބުނީ ލުބުނާނުގެ ރައްޔިތުންގެ ޞިއްޙަތާ ސަލާމަތާމެދު ކަންބޮޑުވާކަމަށާއި ޢާއިލާގެ މެންބަރުންނާއި ގެދޮރު ގެއްލުމުގެ ސަބަބުން ގިނަ ބަޔަކަށް ނަފްސާނީގޮތުން އަސަރުކޮށްފައިވާކަމަށެވެ. އަދި ކޯވިޑް-19 ފެތުރޭ މިންވަރު ލުބުނާނުގައި އިތުރުވެދާނެކަމުގެ ބިރު ބޮޑުވެފައިވާކަމަށް އެ ޖަމުޢިއްޔާއިންވަނީ ފާހަގަކޮށްފައެވެ. އެ ކަންކަމުން އަރައިގަތުމަށް 76 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޤައުމުތަކަށާއި ޖަމާޢަތްތަކަށް ގޮވާލައިކަމަށް އެ ޖަމުޢިއްތާއިން ބުންޏެވެ.
ޑަބްލިއުއެޗުއޯއިންވަނީ 25 ޓަނުގެ ޕީޕީއީއާއި 10 ހަސްފަތާލެއްގައި ތިބި 2،000 ބަލި މީހުންނަށް ޞިއްޙީ އެހެނިހެން ސާމާނު ފޯރުކޮށްފީފައެވެ. ލުބުނާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރު ޤައުމުތަކުން އައިސްފައިވާ ކުއްލި ފަރުވާދޭ 11 ވަފުދަކާ ގުޅިގެން އެ ޖަމުޢިއްޔާއިންދަނީ މަސައްކަތްކުރަމުންނެވެ