ޚަބަރު

ރައީސް ޔާމީނަށް ޖަލުން ލިބިދެވޭ ޚިދުމަތްތައް އިތުރުކުރުމަށް މަޝްވަރާކޮށްފި


މަނީލޯންޑަރިންގެ ކުށް ސަބިތުވެ ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްްޤައްޔޫމަށް ޖަލުން ލިބޭ ޚިދުމަތްތައް އިތުރުކުރުމާގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ހޯމް މިނިސްޓަރާއި މަޝްވަރާކުރައްވައިފިއެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވި މިބައްދަލުކުރެއްވުމުގައި ވަނީ ރައީސް ޔާމީންނަށް ޖަލުން ލިބޭ ޚިދުމަތްތައް އިތުރުކުރުމާއި ގުޅޭގޮތުން ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުންނާއެކު މަޝްވަރާކުރައްވާފައިކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. މި ބައްދަލުވުމުގައި ހޯމް މިނިސްޓަރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވެސް ބައިވެރިވެވަަޑައިގެންނެވިއެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ހޯމް މިނިސްޓަރާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުކުރެވޭނެގޮތް ހަމަޖައްސައިދިނުމަށް އެދިފައިވާނެކަމަށެވެ. އަދި ރައީސް ޔާމީނަށް ވަކީލުންނާއި ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ހައިކޯޓުން އަމުރުކުރިތާ މަހެއް ފާއިތުވެގެން ދިޔައިރުވެސް އެފުރުޞަތު ފަހިކޮށްދީފައިނުވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.

އެހެންނަމަވެސް އިދިކޮޅު ކޯލިޝަންގެ މިވާހަކަތައް ކަރެކްޝަނަލް ސާރވިސްިއިން ދޮގުކުރައްވައެވެ. ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވީ، އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ރިއާޔަތްކޮށް ވަކީލުންގެ ބައްދަލުވުމަށް އެދުމުން އެބައްދަލުވުން ހަމަޖައްސައިދޭނެކަން ކަރެކްޝަނުން އިސްވެ ރައީސް ޔާމީންގެ ވަކީލުންގެ ޓީމަށް އަންގާފައިވާކަމަށެވެ. އަދި އެބައްދަލުވުން ހަމަޖެހޭނެކަން ރައީސް ޔާމީންނަށް ލިޔުމުން އަރުވާފައިވާކަމަށްވެސް އެސާރވިސްއިން ވިދާޅުވިއެވެ. ވަކީލު ބައްދަލުވުމާ ގުޅޭ ގޮތުން، ކަރެކްޝަނުން ޤައިދީގެ ޤާނޫނީ ވަކީލުންނަށް 14 ޖުލައި 2020 ފޮނުވި ސިޓީގައި ބައްދަލުވުމަށް އެދުމުން ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ބައްދަލުވުން ހަމަޖައްސައި ދޭނެ ކަމަށް ސާފުކޮށް ދަންނަވާފައިވާކަމަށް ކަރެކްޝަނުން ވިދާޅުވެއެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔަމީން ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި މި މައްސަލާގައި 5 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާވެސް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ޙުކުމާ އެއްގޮތަށް ދަޢުލަތަށް ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރު ކަނޑައަޅާފައިވާ މުއްދަތުގައި ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް ބަންޑާރަނައިބު މީރާއަށް ވަނީ އަންގާފައެވެ.