ކޯވިޑް-19އާބެހޭ ސައްޙަނޫން މަޢުލޫމާތުގެ ސަބަބުން 800އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އެމެރިކަން ޖަރނަލް އޮފް ޓްރޮޕިކަލް މެޑިސިން އެންޑް ހައިޖީންގައި ޝާއިޢުކޮށްފައިވާ ދިރާސާގައި ބުނީ ކޯވިޑް-19އާގުޅޭ ގޮތުން މީސްމީޑިޔާގައި ފަތުރާ ސައްޙަނޫން މަޢުލޫމާތުގެ ސަބަބުން ހަސްފަތާލުތަކުގައި 5،800 މީހުން އެނދުމަތިކޮށްފައިވާކަމަށެވެ. އަދި ކޯވިޑް-19އަށް އޮތް ފަރުވާއެއްކަމަށް ހީކޮށް ބުލިޗާއި އިސްޕިރިޓުފަދަ ސާފުކުރަން ބޭނުންކުރާ ސާމާނު ބުއިމުގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާކަމަށް އެ ދިރާސާގައިވަނީ ފާހަގަކޮށްފައެވެ.
ދިރާސާއިން ދައްކާގޮތުން ޞިއްޙީ ސައްޙަ އިރުޝާދުތަކެކޭ ހީވާފަދަ ބައެއް ނަޞޭޙަތްތަކަށް ޢަމަލުކުރުމުގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުންނަށް އެކިކަހަލަ ގެއްލުންތައް ލިބިފައިވެއެވެ. އެގޮތުން، ގިނަ ޢަދަދަކަށް ލޮނުމެދު ކެއުމާއި ގިނައިން ވިޓަމިން ކެއުމުން ބަލިޖެހުމުން ދުރުހެލިކޮށްދޭނެކަމަށް ޤަބޫލުކޮށް ޑޮކުޓަރީ އިރުޝާދަކާނުލައި އެފަދަ ތަކެތި ގިނަ ޢަދަދަކަށް ބޭނުންކުރުމުގެ ސަބަބުން ގެއްލުން ލިބޭކަމަށް ދިރާސާގައިވަނީ ބުނެފައެވެ. ހަމަ އެގޮތަށް، އެއްވެސް ތާކުންތާކު ނުޖެހޭފަދަ އިރުޝާދުތަކަށް ޢަމަލުކުރުމުގެ ސަބަބުންވެސް ޢާންމުންނަށް ގެއްލުންވެފައިވާކަމަށް އެ ދިރާސާގައިވަނީ ފާހަގަކޮށްފައެވެ. އެފަދަ ބައެއް އިރުޝާދުތަކުގެ ތެރޭގައި ގެރިބަކަރީގެ ކުޑަކަމުދާ އެއްޗެއްސަކީ ފަރުވާއެއްކަމަށް ބުނެ އެފަދަ ނަޖިސްތަކެތި ބޭނުންކުރުމަށް ހިތްވަރުދީފައިވާކަމަށް އެ ދިރާސާގައި ބުންޏެވެ. ދިރާސާގައި ބުނީ ޞައްޙަނޫން މަޢުލޫމާތުން ޢާންމުން ރައްކާތެރިކުރުމުގެ ޒިންމާގައި ބައިނަލްއަޤްވާމީ ނޫސްއިދާރާތަކާއި ސަރުކާރުތަކާއި މީސްމީޑިޔާގެ ވަޞީލަތްތައް ހިންގާ ފަރާތްތަކުން ބައިވެރިވުން މުހިންމުކަމަށެވެ.
ހަލުވިކޮށް ފެތުރެމުންދާ ކޯވިޑް-19އެކޭ އެއްވަރަށް އެ ބަލިމަޑުކަމާބެހޭ ގޯސް މަޢުލޫމާތުވެސް ހަމަ އެ ހަލުވި މިނުގައި ފެތުރެމުންދާކަމަށް މީގެ ކުރިން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިންވަނީ ފާހަގަކޮށްފައެވެ. ސަޤާފީ ސަބަބުތަކާއި ތޯތޯ ވާހަކަތަކުގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުންނަށް ގެއްލުންލިބި މަރުވަމުންދާކަމަށް އެ ޖަމުޢިއްޔާއިންވެސްވަނީ ބުނެފައެވެ.
ބީބީސީ ނޫހުން ބުނީ ކޯވިޑް-19އާގުޅޭ ސައްޚަނޫން މަޢުލޫމާތުގެ ސަބަބުން މާރާމަރިއާއި ޙަމަލާދިނުމާއި ތަންތަނަށް ގެއްލުންދީ ރޯކުރުމާއި މީހުން މަރުވުމުގެ ގިނަ ހާދިޡާތައް ހިންގާފައިވާކަމަށެވެ. މީސްމީޑިޔާގައި ފެތުރުނު ސައްޚަނޫން ޚަބަރުތަކެއްގެ ސަބަބުން ބޮޑެތި ހަމަނުޖެހުންތައް އިންޑިޔާގައި ހިންގާފައިވާކަމަށާއި ގިނަ ޢަދަދެއްގެ މީހުން ވިހަވުމުގެ ހާދިޘާތައް އީރާނުގައި ހިންގާފައިވާކަމަށެވެ.
އޭގެ އިތުރުން ކޯވިޑް-19އަކީ ހަޤީޤަތެއް ނޫންކަމަށް ޤަބޫލުކުރާ ބައެއް މީހުންވަނީ މާއްދީ ގެއްލުންތައްވެސް ދީފައެވެ. އޭގެ އިތުރުން ދަނޑިވަޅުގެ ބޭނުންކޮށް ޢާންމުންގެ ފަރާތުން ނަހަމަގޮތުގައި ފައިދާ ހޯދުމަށް މަސައްކަތްކުރާ ހީލަތްތެރި މަކަރުވެރިންވެސް ވަރަށް ގިނަކަމަށްވަނީ ފާހަގަކޮށްފައެވެ