ޚަބަރު

ކަޝްމީރުގެ ހަނގުރާމަވެރިން އިސްލާހުވުމަށް އިތުރު ފުރުޞަތު ދިނުމަށް އިންޑިޔާއިން ވިސްނަނީ


ކަޝްމީރުގައި ހަރަކާތްތެރިވާ ޒުވާން ހަނގުރާމަވެރިން އިސްލާހުވުމަށް ފުރުޞަތު ދިނުމުގެ ގޮތުން އަމާން ހިސާބުތަކަށް ވަގުތީ ގޮތުން ހިޖުރަކުރުމުގެ ފުރުޞަތު ދިނުމަށް ވިސްނަމުންދާކަމަށް އިންޑިޔާއިން ބުނެފިއެވެ.

ކަޝްމީރު ވާދީގައި ހަރަކާތްތެރިވާ އިންޑިޔާގެ އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރު، ލެފްޓިނެންޓް ޖެނެރަލް ބީއެސް ރާޖޫ ވިދާޅުވީ އެ ހުށަހެޅުން ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ހުށަހަޅައިފައިވާކަމަށެވެ. މިހާތަނަށް އެ އިންތިޒާމުތައް ރަސްމީކޮށް ނިންމައިފައިނުވިޔަސް މިހާރު ކުރިއަށްދަނީ ފަހު މަރުހަލާކަމަށް އޭނާ ވިދާޅުވިއެވެ. ރާޖޫ ވިދާޅުވީ ކަޝްމީރު ވާދީގައި 180އެއްހާ ހަނގުރާމަވެރިން ޙާރަކާތްތެރިވާކަމަށް ބެލެވޭކަމަށެވެ. ކަޝްމީރުގައި ޙާރަކާތްތެރިވާ ޒުވާން ހަނގުރާމަވެރިންނަށް ދުވަސްކޮޅެއް ވަންދެން ޚާއްޞަ ސަމާލުކަމެއްދީގެން އިޞްލާޙު ކުރެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ. އައު ދިރިއުޅުމެއް ފަށަން ބޭނުންވާ ހަނގުރާމަވެރިންނަށް އަމާޒުކޮށް އެމީހުންނަށ އެހީތެރިވެ އަމިއްލަ ނަފްސަށް އިތުބާރު އުފެދޭފަދަ ޙާރަކާތެއް ހިންގުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ކުރިންވެސް ޒުވާން ހަނގުރާމަވެރިންނަށް އިޞްލާހުވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން އިންޑިޔާއިންވަނީ ޙަރަކާތްތައް ހިންގާފައެވެ. 2004ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުންދާ ސިޔާސަތުގެ ދަށުން އިންޑިޔާ ސަރުކާރުގެ ފަރާތުން އަމާންދޭން ބޭނުންވާ ހަނގުރާމަވެރިންނަށް 2000 އެމެރިކާ ޑޮލަރު ހުށަހަޅާ، ކޮންމެ މަހަކުވެސް ކުޑަ އުޖޫރައެއް ދިނުމުގެ އިތުރުން ބޭނުންތެރި އެކިކަހަލަ ތަމްރީނު ޙަރަކާތްތައް ހިލޭ ހިންގައެވެ. އަދި އިންޑިޔާގެ ސަރުކާރާ ޙާވާލުކުރާ ކޮންމެ ޙަތިޔާރެއްގެ ބަދަލުގައި ފައިސާ ދެއެވެ.

2004ވަނަ އަހަރުން ފެށިގެން 400އެއްހާ ހަނގުރާމަވެރިންވަނީ އަމާންދީފައެވެ. ނަމަވެސް 2007ވަނަ އަހަރުން ފެށިގެން އެ ސިޔާސަތުގެ ދަށުން އަމާންދޭ ހަނގުރާމަވެރިންގެ ޢަދަދުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އަމާންދީފައިވަނީ އެންމެ 24 ހަނގުރާމަވެރިންނެވެ. ބެލެވޭގޮތުގައި އެ ޙަރަކާތުގައި ބައިވެރިވާ މީހުންގެ ޢަދަދު މަދުވަނީ އެކަށީގެންވާ ފެންވަރެއްގެ ތަމްރީނުތައް އިންޑިޔާގެ ސަރުކާރުން ނުހިންގާތީއެވެ