ޚަބަރު

އިންޓަރނެޓް މެދުވެރިކޮށް ގަނާކުރުން ހުއްޓުވުމަށް ޤައުމީ އެކްޝަން ޕްލޭނެއް


އިންޓަރނެޓް މެދުވެރިކޮށް ގަނާކުރުން ނުވަތަ ސައިބަރ ބުލީ ހުއްޓުވުމަށް ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލަމުންދާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހާމަކުރައްވައިފިއެވެ.

އެމިނިސްޓްރީން މިކަން ހާމަކުރެއްވީ އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯރ ބްރޯޑްކާސްޓިންގް ޑިވެލޮޕްމެންޓް، އޭއައިބީޑީއާއި ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދިޔަ ވެބިނާގައެވެ.

ކޯވިޑް-19ގެ ސަބަބުން ގޭގައި ބަންދުވާންޖެހި އިންޓަނެޓްގެ ބޭނުން ކުރުން އިތުރުވާން ފެށުމުން ރާއްޖޭގައިވެސް ސައިބަރ ކްރައިމް ރޭޓް ވަނީ އިތުރުވެފައެވެ.

ސައިބަރ ކްރައިމްގެ ސަބަބުން ކުޑަކުދިންނަށް ކުރާ އަސަރާގުޅޭގޮތުން ކުރިއަށް ގެންދިޔަ ވެބިނާގައި ޖެންޑަރ މިނިސްޓްރީގެ ފަރާތުން ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން ވިދާޅުވީ، ދުނިޔެ އިންޓަނެޓުން ގުޅިގެން ދިއުމަކީ އެކި މުޖުތަމަޢުތަކަށް އައު ކަންކަމުގެ ގޮތުގައި ހުޅުވޭކަމެއް ކަމަށެވެ. އެގޮތުން މުޖުތަޢަށް މިކަމުންއެދެވޭ ބަދަލުތަކާއި ނޭދެވޭ ބަދަލުތައް ކުރާއިރު 21 ވަނަ ޤަރުނުގެ ތަރައްޤީއާއެކު މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރާގޮތް ބަދަލުކުރަން ޖެހިފައިވާކަމަށެވެ. އެގޮތުން މިޒަމާނަކީ އިންޓަނެޓަށް ބަރޯސާވެފައިވާ ޒަމާނަކަށްވާއިރު މި މަންސަ ބޭނުންކޮށްގެން ހިންގާ ކުށްތައް އިތުރުވެފައިވާއިރު، މިކަންކަން ހުއްޓުވުމަށް ކުރެވޭ މަސައްކަތް ކުޑަކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ހެލްޕް ލައިނެއް އެކަނި ޤާއިމުކުރުމުން މިކަމުގެ ހައްލު ލިބިގެން ނުދާނެ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމަށް ހައްލު ހޯދުމަށް ޖެންޑަރ މިނިސްޓްރީން މިކަމުގައި ޒިންމާވާ އަދި މި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި ގުޅިގެން ވަށާޖެހޭ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މި މަސައްކަތް ކުރުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޖެކްޓްތައް ހެދުމަށް ވަރކިންގް ގްރޫޕެއް އެކުލަވާލާ މިކަމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހާމަކުރެއްވިއެވެ.

"މި ކަމަކީ ހޯލިސްޓިކް އެޕްރޯޗް ބޭނުންވާ ކަންކަން. 1412ގެ ހެލްޕްލައިން އަކުން އެކަނި މިކަމެއް ހައްލެއް ނުވާނެ. މިކަމުގައި އާންމުން ހޭލުންތެރިކުރުވަންޖެހޭ. ވާހަކަތައް ގެންނަ ގޮތް ބަދަލުކުރަންޖެހޭ" ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން ވިދާޅުވިއެވެ.

އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯރ ބްރޯޑްކާސްޓިންގް ޑިވެލޮޕްމެންޓް، އޭއައިބީޑީއާއި ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދިޔަ މި ވެބިނާގައި ކުޑަކުދިންނަށް ސައބަރ ކްރައިމްގެ ސަބަބުން ކުރާ އަސަރާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން މިކަމުން ކުރާ ނަފްސާނީ އަސަރުތަކާއި، މިކަން ހުއްޓުވުމަށް ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލުމުގައި ބަލަންޖެހޭ ކަންތައްތަކާއި، މިމައްސަލައަށް ހައްލު ހޯދުމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި މީޑިއާގެ ދައުރާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުގައި 150އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ.