ކުޅިވަރު

މުބާރާތުގެ ތަޖުރިބާ ބޮޑީ އެޓްލެޓިކޯގެ، އެކަމަކު އެތަފާތު މެޗުގައި ނުފެންނާނެ: ހޫލިއަން ނެގެލްސްމަން


އެޓްލެޓިކޯ މެޑްރިޑަކީ ޗެމްޕިއަންސް ލީގުގައި ލީޕްޒީގަށްވުރެ އެތައްގުނައެއް ތަޖުރިބާ ގިނަ ޓީމެއް ކަމަށާއި، ނަމަވެސް އޭގެން ފެންނާނެ މާބޮޑު ތަފާތެއް ނޯންނާނެކަމަށް ޖަރުމަނުގެ އާރުބީ ލީޕްޒީގުގެ ކޯޗް ހޫލިއަން ނެގެލްސްމަން ބުނެފިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ފުޓުބޯޅަ މުބާރާތުގެ ކުއާޓާފައިނަލުގައި ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ވާދަކުރާ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ލީޕްޒީގުގެ ކޯޗް ހޫލިއަން ނެގެލްސްމަން ބުނީ، މިއީ މިހާތަނަށް ފެނުނު އެންމެ ތަފާތު ޗެމްޕިއަންސް ލީގު މުބާރާތް ކަމަށާއި، މުބާރާތުގައި މިހާތަނަށްވެސް ހީނުކުރާ ކިތަންމެ ނަތީޖާތަކެއް ފެނިއްޖެކަމަށެވެ. އެހެންކަމުން މުބާރާތުގައި އެޓްލެޓިކޯގެ ތަޖުރިބާ ބޮޑުކަމުގައި ވިޔަސް އޭގެން ފެންނާނެ ތަފާތެއް ނޯންނާނެކަމަށެވެ.

2016ވަނަ އަހަރުގެ ފައިނަލުގައި އެއްކޮޅުން ވާދަކުރި އެޓްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ލީޕްޒީގުން ނިކުންނައިރު މިއީ އެކުލަބުން މުބާރާތުގެ ކުއާޓާގައިވެސް ވާދަކުރާ ފުރަތަމަ ފަހަރެވެ. ނެގެލްސްމަން ބުނީ، މާޒީގެ އެއްވެސް ކަމަކުން ކުރާނެ ފައިދާއެއް މިރޭގެ މެޗުގައި ނޯންނާނެ ކަމަށާއި، ސެމީފައިނަލުން ޖާގަލިބޭނީ މޮޅުވާ ޓީމަކަށް ކަމަށެވެ. އޭނާބުނީ ފައިނަލުގެ ވާހަކަ ދައްކަން އަދި ވަރަށް އަވަސް ކަމަށާއި، ނަމަވެސް މިހާރު އުންމީދަކީ ފައިނަލާއި ހިސާބަށް ވާސިލްވުން ކަމަށެވެ.

އޭނާބުނީ، އެޓްލެޓިކޯމެޗުން ލީޕްޒީގަށް މޮޅުވެވޭނެ ކަމަށާއި، ނަމަވެސް ދެން ކުރިމަތިލާން ޖެހޭނީ މާ ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ކަމަށެވެ. ފައިނަލުގައި ވާދަކުރާނެ ޓީމެއް އަދި ނޭންގުނު ނަމަވެސް ސެމީގައި ޕީއެސްޖީއާއި ދެކޮޅަށް ކުޅެލަން ލިބުންވެސް ވަނީ ލީޕްޒީގަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށް ކޯޗް ހޫލިއަން ނެގެލްސްމަން ބުންޏެވެ.
\
ޗެންޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެޓްލެޓިކޯ މެޑްރިޑާއި ލީޕްޒީގް ވާދަކުރާ މެޗު ކުޅޭނީ މިރޭ ރާއްޖެގަޑިން 12ޖަހާއިރުއެވެ.