ކުޅިވަރު

މި ކާމިޔާބީއިން ރަމްޒު ކޮއްދެނީ އަހަރެމެން ތަށްޓަށް ބޭނުންވާ މިންވަރު : ތޯމާސް ޓުޗެލް


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިޓަލީގެ އެޓަލަންޓާ ބަލިކޮށް ސެމީ ފައިނަލުން ޖާގަހޯދުމުން ރަމްޒުކޮށްދެނީ ތަށި ހޯދަން ޕީއެސްޖީން ބޭނުންވާ މިންވަރުކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޓުޗެލް ބުނީ މުބާރާތުގެ މިހާސަބަށް އައުމުގެ ކުރިން މިސީޒަންގައި ހަތަރު ތަށި ކާމިޔާބު ކުރެވިއްޖެކަމަށާއި ސެމީ ފައިނަލުން ޖާގަ ހޯދުމަކީ ޓީމުގެ ރޫހު ރަނގަޅުކަން ސާބިތުކޮށްދޭ ހެއްކެއް ކަމަށެވެ. އޭނާ ބުނީ މިހިސާބަށް އާދެވުނީ އެތައްބައެއްގެ ބުރަމަސައްކަތުން ކަމަށެވެ.

މެޗުގެ 88 ވަނަ މިނިޓާ ހަމަޔަށް ބަލިވެފައޮތް ނަމަވެސް މެޗުން މޮޅުވެވޭނެ ކަމުގެ އުންމީދު ދޫކޮށްނުލާކަމަށާއި އެހެންނަމަވެސް 89 ވަނަ މިނެޓުގައި ލަނޑު ޖެހުމުން އުންމީދު އިތުރަށްއާވި ކަމަށް ޑޯޓްމުންޑްގެ ކުރީ ކޯޗު ބުންޏެވެ. އޭނާ ބުނީ ފުރަތަމަ ލަނޑެއް ޖެހުމުން މެޗު ނިމުމުގެ ކުރިން ދެވަނަ ލަނޑެއް ޖެހޭނެކަމުގެ ޔަގީންކަން އޮތްކަމަށެވެ.

ޓުޗެލް ބުނީ ޓީމުގެ މަސައްކަތު ރޭޓާމެދު ބުނާނެ އިތުރު އެއްޗެއް ނެތްކަމަށާއި ލިބުނީ ހައްގު މޮޅެއްކަމަށެވެ. ޓުޗެލްބުނީ މިފަދަ ހަނި ގޮތަކަށް މޮޅެއް ހޯދޭނީ އޭގަ ނަސީބުވެސް އެހީވެގެން ކަމަށެވެ.

މިއީ 1994 ވަނަ އަހަރުގެ ފަހުން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޕީއެސްޖީ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.