ތަޢުލީމު

ޓީޗަރުންނަކީ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރި ބަޔަކަށްވާންޖެހޭ


ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ޓީޗަރުންނަކީ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިބަޔަކަށް ވާންޖެހޭކަމަށާއި، މިހާރު ކުރިއަށްދާ ޓީޗަރުންގެ ބައިނަލްއަޤްވާމީ މަހާސިންތާގައި އުގަންނައި ދިނުމުގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުންހިފިދާނެ ގޮތްތަކާއި ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންދާކަމަށް ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީން ބުނެފިއެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކާއި ގުޅޭގޮތުން ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން އެން.އައި.އީގެ ސްކޫލް އޮފް ރިސަރޗް އެންޑް ޑިވެލޮޕްމަންޓްގެ ހެޑް، އާނިޔަތު ޢަލީ ވިދާޅުވީ، މިފަހަރުގެ ބައްދަލުވުން ބޮޑަށް އަމާޒުކޮށްފައިވަނީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ތަޢުލީމީ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ކަމަށެވެ. އަދި ސަރަހައްދީ ޤައުމުތަކުން ބައިވެރިވެފައިވާ މަންދޫބުންގެ އެހީގައި މި މައުލޫއާއި ގުޅުހުންހުރި ތަފާތު މައުލޫމާތު ބައިވެރިންނަށް ދީފައިވާކަމަށެވެ. މީގެ އިތުރުން އިންފޮމޭޝަން ޓެކްނޮލިޖީގެ ދާއިރާއިން ޓީޗަރުންގެ މައުލޫމާތު މުއްސަނދިކުރުމުގެ ގޮތުން ތަފާތު ސެޝަންތައް ކުރިއަށްގެންގޮސްފައިވާ ކަމަށް އާނިޔަތު ވިދާޅުވިއެވެ.މިފަހަރުގެ ބައްދަލުވުމުގައި އަތޮޅުތައް ހިމެނޭހެން ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތުން ބައިވެރިވެފައިވާއިރު، ސާކްގެ ޤައުމުތަކުގެ މަންދޫބުންވެސް ބައިވެރިވެފައިވާކަމަށް އެން.އައި.އީން މައުލޫމާތުދެއެވެ.