ޚަބަރު

މިނިސްޓަރ ފައްޔާޟަށް ފުރިހަމަ ތާޢީދުއޮތްކަން ހާމަކޮށް ބައެއް މެންބަރުން ޝޫއޫރުފާޅުކުރައްވައިފި


މިނިސްޓަރ ފައްޔާޟަށް ފުރިހަމަ ތާޢީދުއޮތްކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ޝުއޫރުފާޅުކުރައްވަން ފައްޓަވައިފިއެވެ.

އިކޮނަމިކް މިނިސްޓަރ ފައްޔާޟް އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް މެންބަރުންގެ ސޮއި ހޯދަން ފަށާފައިވާއިރު މިޙާތަނަށް ވިއްސައްވުރެ ގިނަ މެންބަރުންގެ ސޮއި ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެހެން ނަމަވެސް މިނިސްޓަރ ފައްޔާޟްގެ ދިފާޢުގައި މަޖިލީހުގެ ބައެއް މެންބަރުން ވަނީ ޝުއޫރުފާޅުކުރަން ފަށާފައެވެ. ސޯޝަލް މީޑިއާގައި މިނިސްޓަރ ފައްޔާޟަށް އިތުބާރު އޮތްކަން ހާމަކުރައްވާފައިވާ މެންބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒައިނާ ޢާދަމް އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި މާފަންނު ހުނޅަގު ދާއިރާ މެންބަރު މުޙައްމަދު ފަލާޙާއި، އިހަވަންދޫ ދާއިރާގެ މެންބަރުގެ އިތުރުން ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒާއި ގަމު ދާއިރާގެ މެންބަރުގެ އިތުރުން ދާންދޫ ދާއިރާގެ މެންބަރާއި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމްގެ އިތުރުން އިތުރު އެހެން މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

އެމެންބަރުންވަނީ އިކޮނަމިކް މިނިސްޓަރަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށާއި އެމަނިކުފާނަކީ ސަރުކާރުގައި ހުރި އެންމެ ހިންގުންތެރި ވަޒީރުކަމަށް ވިދާޅުވެފައެވެ. ބައެއް މެންބަރުން ވިދާޅުވީ ފައްޔާޟަކީ ސަރުކާރުގައި އެންމެ ގާބިލު، ކުޅަދާނަ އަދި އިތުބާރުހުރި އެއް ވަޒީރުކަމަށެވެ. އަދި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭ ސަބަބެއް ނެތްކަމަށްވެސް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އިތުބާރުގެއްލޭނެ ފަދަ ކަމެއްކޮށްފައިނުވާނެކަމަށާއި އިތުބާރުނެތްކަމަށް މީގެ ކުރިން އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާއިރު މަސައްކަތްކުރައްވަނީ އިޚްލާސްތެރިކަމާއެކުކަމަށެވެ.

އަދި އެއްވެސް މެންބަރަކާއި ޒާތީއެއްވެސް މައްސަލައެއް އެމަނިކުފާނުގެ ނެތްކަމަށްވެސް ވަނީ މިނިސްޓަރ ފައްޔާޟު ވަނީ ވިދާޅުވެފައެވެ.