ޚަބަރު

އިތުބާރުގެއްލޭނެ ފަދަ ކަމެއްކޮށްފައިނުވާނެ : މިނިސްޓަރ ފައްޔާޟު


ނުރަނގަޅުކޮށް ކަމެއްކޮށްފައިވާކަން ފާހަގަކޮށް އެންގުމަކާނުލައި އިތުބާރުނެތްކަމުގެ ވޯޓެއް ނަގާ ވާހަކަ އަޑުއިވުމުން އެކަންވީ ސަޕްރައިޒަކަށްކަމަށާއި އިތުބާރުގެއްލޭފަދަ އެއްވެސްކަމެއް ކުރައްވާފައި ނުވާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ފައްޔާޟު ވިދާޅުވީ، އެމަނިކުފާނަށް އިތުބާރުނެތްކަމަށް މީގެ ކުރިން އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާކަމަށާއި ވަޒީރުކަމުގައި ހުންނަވައިގެން މަސައްކަތް ކުރައްވަމުން ގެންދެވެނީ ރަނގަޅަށްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ރާއްޖޭގައި ޑިމޮކްރެޓިކް މުޖުތަމަޢެއް ބިނާކުރުމުގެ މަސައްކަތްކުރަމުންދާއިރު އިތުބާރު ނެތްނަމަ ވަޒީރެއްގެ އިތުރުބާރު ނެތްކަމުގެ ވޯޓުނެގުމަކީ ޑިމޮކްރަސީއަށް ލިބޭ ކުރިއެރުމެއްކަމަށް ފައްޔާޟް ވިދާޅުވިއެވެ. އަދި އެމަނިކުފާނުވެސް ނިސްބަތްވާ ޕާޓީގެ ބަޔަކު އެކަންކުރަން މަސައްކަތްކުރާއިރު މައްސަލައެއް އުޅޭނަމަ އެކަމެއް އަންގަވާލެއްވިނަމަ ރަނގަޅުކުރަންވެސް މަސައްކަތް ކުރެވުނީސްކަމަށާއި އެގޮތަށް ކަންތައްކުރެއްވުމުން ހިތާމަކުރައްވާކަމަށް މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

ފައްޔާޟު ވިދާޅުވީ އެމަނިކުފާނު މަސައްކަތްކުރައްވަނީ އިޚްލާސްތެރިކަމާއެކު ކަމަށާއި ކަންކަންކުރަނީ ޤާބިލުކޮށްތޯ ނުވަތަ ނޫންތޯ ނިންމަވާނީ ރައްޔިތުންކަމަށެވެ.

"އަޅުގަނޑަކަށް ކޮންކަމެއްކަމެއް ހަމައެއްގޮތަކަށްވެސް ނޭންގެ، އަޅުގަނޑަށް އިތުބާރުގެއްލޭވަރުގެ ކަމެއްކޮށްފައެއްނޯންނާނެ. ކުރެވިފައެއްވެސް ނޯންނާނެ. ދެން އަޅުގަނޑުގެ މަސައްކަތާދޭތެރޭގައި އަޅުގަނޑަށް ދަންނަވާކަށް ނޭންގޭނެ. ހަމަ 24 ގަޑިއިރު ހުރިހާ މަސައްކަތެއްކުރުން މިއަންނަނީ އަޅުގަނޑުމެންގެ ސަރުކާރުގެ މެނިފެންޓޯ ކާމިޔާބުކޮށް ރައްޔިތުންނަށް ދިމާވެފައި ހުރިކަންތައްތަކުގައި އެންމެ ރަނގަޅަށް ކަންކަން ކުރެވޭތޯ. އަޅުގަނޑުގެ މަސައްކަތް މިނެކިރާނީ ދިވެހި ރައްޔިތުން" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޟު ވިދާޅުވީ އެމަނިކުފާނުގެ މަސައްކަތްތައް ކުރިއަށްގެންދަވާއިރު ދާއިރާތަކުގެ ކަންކަމުގައިވެސް މަޖިލިސް މެންބަރުންނާއިވެސް ގާތުން މަސައްކަތްކުރެވޭއިރު އިތުބާރުނެތްކަމަށް ވޯޓުނަގަން އުޅުއްވާ ބޭފުޅުންނާއި ގުޅުއްވައިގެން އެކަމުގައި އިތުރު ވާހަކަތަކެއް ދެއްކުމަށްވެސް ބޭނުންފުޅުނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ފައްޔާޟު ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް ދެމިހުންނަވާނީ، އިޚުލާސްތެރިކަމާއި އެކު ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި، ރައީސް އިބުރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރާއި އެކުގައި ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާޢީލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ބައެއް މެންބަރުންގެ ސޮއި ހޯދަން ފަށާފައިވާއިރު ޕީއެސްއެމް ނިއުސް އާއި ވާހަކަދެއްވި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރުންގެ ސޮއި ހޯދަމުންދާއިރު މިހާތަނަށް ވިއްސަށްވުރެ ގިނަ މެންބަރުންގެ ސޮއި ލިބިފައިވާކަމަށެވެެ. ސޮއިކުރި މެންބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ހިމެނިވަޑައިގަންނަވާކަމަށް ޕީއެސްއެމް ނިއުސްއާއި ވާހަކަދެއްކެވި މެންބަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ފައްޔާޟުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅުމަށް މެމްބަރުގެ ސޮއެ ހޯދުމަށް، ރައީސް ނަޝީދު ހިމެނޭހެން އެމްޑީޕީގެ މެމްބަރުން މަސައްކަތް ފައްޓަވާފައި ވާއިރު، އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ދަނީ މިނިސްޓަރ ފައްޔާޟަށް އިތުބާރު އޮތްކަން ސޯޝަލް މީޑިއާގައި ހާމަކުރައްވަމުންނެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ޓުވީޓު
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ޓުވީޓު
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ކުރެއްވި ޓުވީޓު
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވީޓު

މިނިސްޓަރ ފައްޔާޟަށް އިތުބާރު އޮތްކަަމަށް ވިދާޅުވެ، ގިނަ މެމްބަރުންތަކެއް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރައްވާފައި ވާއިރު، ފައްޔާޟުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އުޅެނީ ކީއްވެ ކަމެއް، އެމައްސަލައިގައި ސޮއެ ކުރައްވާފައިވާ މެމްބަރުންވެސް ހާމަކުރައްވާފައެއް ނުވެއެވެ.