ޚަބަރު

"ޒުވާނުންނަކީ މިއަދުގެވެސް ލީޑަރުން": ޔޫތު މިނިސްޓަރ މަޚުލޫފް


ޒުވާނުންނަކީ މާދަމާގެ ލީޑަރުން އެކަނި ނޫންކަމަށާއި، ޒުވާނުންނަކީ މިހާރުގެވެސް ލީޑަރުންކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަޙްމަދު މަޚުލޫފު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ނެރުއްވި ވީޑިއޯ މެސެޖުގައި ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު ވިދާޅުވީ ކޯވިޑްގެ މި ޙާލަތުގައިވެސް ޤައުމީ ޚިދުމަތުގައި އެންމެ ކުރީ ސަފުގައި ޒުވާނުން ހަރަކާތްތެރިވަމުންދާކަން އުފަލާއިއެކު ފާހަގަކުރާކަމަށެވެ.

ކޯވިޑާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ޒުވާނުންގެ ދަޢުރު ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޤައުމުގެ ކަންކަމުގައި ޒުވާނުންގެ ހަރަކާތްތެރިކަމުން ފެންނަނީ އެމީހުންނަކީ ހަމައެކަނި ކުރިމަގުގެ ލީޑަރުން ނޫންކަމަށާއި، ޒުވާނުންނަކީ މިހާރުގެވެސް ލީޑަރުންކަމަށް ޔޫތް މިނިސްޓަރ މަޙްލޫފު ވިދާޅުވިއެވެ. އަދި ހުރިހާ ދާއިރާއަކުންވެސް ޤައުމުގެ ކުރިއެރުމުގައި ޒުވާނުންގެ ދަޢުރު ބޮޑުކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ މަޚުލޫފު އިތުރަށް ވިދާޅުވި، އެކި ދާއިރާތަކުން ޒުވާނުން ކުރިއަށް ދިއުމުގައި ގިނަ ގޮންޖެހުންތަކާއި ކަންބޮޑުވުންތަށް ހުރިކަމަށެވެ. އެގޮތުން ޒުވާނުންގެ ކުރިއެރުމަށް ދިމާވެފައިވާ ގޮންޖެހުންތަށް ދެނެގަނެ، އެފަރާތްތަކުގެ މަސައްކަތްތަކަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް މިނިސްޓަރ މަޚުލޫފު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ޤައުމީ ފެންވަރުގައި މިދިޔަ އަހަރު ނ.ވެލިދޫގައި ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. ނަމަވެސް ކޯވިޑް 19 އާއި ގުޅިގެން މިއަހަރު މިފަދަ ހަރަކާތްތައް ނުބޭއްވުމަށް ވަނީ ނިންމާފައެވެ.