ޚަބަރު

ޝުޖާއު އުޘްމާނު މަޤާމުން ވަކިކުރަން މަޖިލީހަށް ހުށައަޅަން ނިންމައިފި


ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާނު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ޖުޑީޝަލް ސަރވިސްކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން މިކަން ކަށަވަރުކޮށްދެއްވާފައިވީ ނަމަވެސް މިކަމާގުޅޭ އިތުރު ތަފްސީލް އަދި ހާމަކުރައްވާފައެއްނުވެއެވެ.

ޖޭއެސްސީވަނީ މިދިޔަ ޖުލައި މަހުގެ 22ވަނަ ދުވަހު ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާނު 2 މަސްދުވަހަށް ސަސްޕެންޑުކުރުމަށް ނިންމަވާފައެވެ.

ޝުޖާއު އުޘްމާނުގެ މައްޗަށް ޖޭއެސްސީން ތަހްޤީޤުކުރަންމުންދަނީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ގއ.ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް، ރިޔާސީ ކެނޑިޑޭޓަކަށް ވޯޓް ހޯދުމަށް މަސައްކަތްކުރުމުގެ އިތުރުން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެ ކަމުގައިވާނަމަ ބަންދުގައި ހުރިމީހާ މިނިވަން ކުރާނެކަމުގެ މަޝްވަރާކޮށްފައިވާކަމަށް ހުށަހެޅިފައިވާ މައްސަލަތަކެއްކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.