ޚަބަރު

ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު އައްޔަނުކޮށްފި


ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑަށް ސ.ހުޅުދޫ ކަޅުމަގިގޭ އަބްދުﷲ ރަޝީދު ހަމަޖައްސަވައިފިއެވެ.

ސަރުކާރާއި އަމިއްލަ ބައެއް ކުންފުނިތކުގައި އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ އަބްދުﷲ ރަޝީދުވަނީ ޔުނިވަރސިޓީ އޮފް ޑެލީއިން، ކޮމަރސް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައެވެ. އަބްދުﷲ ރަޝީދުވަނީ 2006 ވަނަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުން 1 ވަނަ ހޯއްދަވާފައެވެ. އަދި 2009 ވަނަ އަހަރުގެ އޭލެވެލް އިމްތިހާނުން ރާއްޖޭގެ ގަދަ ދިހައެއްގެ 6 ވަނައިގައި އޭނާ ވަނީ ހިމެނިވަޑައިގެންފައެވެ.

އޭނާ ވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އަދި އެލައިޑް އިންޝުއަރެންސްގެ އެކި މަޤާމުތަށް އަދާކުރައްވާފައެވެ. އަދި ބައެއް ޕްރޮޖެކްޓްތަކަށް ޕްރޮޖެކްޓް ކޮންސަލްޓަންސީވަނީ ހަދައިދީފައެވެ. އުމުރުން 28 އަހަރުގެ އަބްދުﷲ ރަޝީދު ވަނީ ބައެއް އަމިއްލަ ކުންފުނިތަކުގައި މެނޭޖިންގ ޑިރެކްޓަރާއި، އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.

ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑަށް އަބްދުﷲ ރަޝީދު އައްޔަންކުރައްވާފައި ވަނީ، ކުރީގެ ބޯޑު މެންބަރު މަރިޔަމް ވަހީދާ ބްރޮޑްކާސްޓިންގ ކޮމިޝަނަށް އައްޔަންކުރެއްވުމާއި ގުޅިގެން އެ މަޤާމު ހުސްވެފައިވާތީއެވެ.

އަބްދުﷲ ރަޝީދާއިއެކު ޕީއެސްއެމްގެ ބޯޑު މެންބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ޗެއަރމަން އިބްރާޙީމް ޙިލްމީއާއި، މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަމީމް އަދި ޑިރެކްޓަރ އަލީ މިދުހަތުއެވެ.