ޚަބަރު

މިނިސްޓަރ ފައްޔާޟްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން ތައްޔާރުވަނީ


އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ބައެއް މެންބަރުންގެ ސޮއި ހޯދަން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދެއްވި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރުންގެ ސޮއި ހޯދަމުންދާކަމަށާ މިހާތަނަށް ވިއްސައްވުރެ ގިނަ މެންބަރުންގެ ސޮއި ލިބިފައިވާކަމަށެވެެ. ސޮއިކުރި މެންބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ހިމެނިވަޑައިގަންނަވާކަމަށް ޕީއެސްއެމް ނިއުސްއާއި ވާހަކަދެއްކެވި މެންބަރު ވަނީ ވިދާޅުވެފައެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަނީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވާނީ 10 މެމްބަރެއްގެ ސޮޔެވެ.

މިނިސްޓަރ ފައްޔާޟް އަކީ ސަރުކާރުގައި ހިމެނޭ މިނިސްޓަރުންގެ ތެރެއިން ފާހަގަކޮށްލެވޭ މިނިސްޓަރެކެވެ. އެގޮތުން ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އިޤްތިޞާދައް ދިމާވެފައިވާ ހާލަތާއި ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް މިނިސްޓަރ ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ.