ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ވަރޗުއަލް މަދަޙަ މުބާރާތް މިރޭ ފަށަނީ


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ވަރޗުއަލް މަދަޙަ މުބާރާތް މިރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވްސް މިއުޒިކް އެންޑް އަރޓްސް ސެންޓަރާއި ޕީއެސްއެމް ގުޅިގެން ރަން އަޑު 2020ގެ ނަމުގައި ކުރިއަށްގެންދާ މި މަދަޙަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ. މި މުބާރާތް ޕީއެސްއެމްގެ މުންނާރު ޗެނަލުން ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ބުދަ ދުވަހެއްގެ ރޭ 9:00ގައި ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މަދަހަ މުބާރާތުގެ 70 އިންސައްތަ މަދަޙައަކީ އަތޮޅުތަކުގެ އެކި ރަށްރަށުން ހުށައަޅާ މަދަޙަތައްކަމަށް މުބާރާތް އިންތިޒާމުކުރާ އެމްއެމްއޭސީއިން ވިދާޅުވެއެވެ.

މުބާރާތުގައި 18 އަހަރުން ދަށުގެ 6 ކެޓަގަރީއަކުން ބައިވެރިން ވާދަކުރެއެވެ. އެއީ 6 އަހަރުން ދަށާއި 9 އަހަރުން ދަށާއި 13 އަހަރުން ދަށާއި 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޢުމުރުފުރައެވެ. މިއުމުރުފުރާތަކުން އެއްވަނަ ދެވަނަ ތިންވަނަ އަދި މުޅި މުބާރާތުން އެއްވަނަ ދެވަނަ ތިންވަނަ ހޮވުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްއޭސީން ވިދާޅުވެއެވެ. އަދި މީގެ އިތުރުން މިއިން ކޮންމެ ކެޓަގަރީއަކުންވެސް އެންމެ މޮޅު އަތޮޅާއި އެންމެ މޮޅު ރަށް އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވަން ނިންމާފައިވާއިރު ސީނިއާ އަދި ޖޫނިއާ ގުރޫޕުންވެސް ވަނަ ހޮވުމަށް ނިންމާފައިވާކަމަށް އެސެންޓަރުން މަޢުލޫމާތުދެއެވެ.

މިމުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި 5 ފަނޑިޔާރަކު ޙަރަކާތްތެރިވާނެއެވެ. އެގޮތުން ސޮފާ ތައުފީޤާއި ޝަހީދާ ރިފްއަތާއި އަޝްރަފް ޢަލީއާއި އިއްޒާ ނިޒާރާއި އައްޔުމަން ޝަރީފް ފަނޑިޔާރުންގެ ގޮތުގައި ޙަރަކާތްތެރިވާނެކަމަށް އެމްއެމްއޭސީން ވިދާޅުވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވަ ވަރޗުއަލް މަދަޙަ މުބާރާތަށް އިނާމު ހުށައެޅުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާކަމަށް އެމްއެމްއޭސީން ވިދާޅުވެއެވެ. މިމުބާރާތަށް ރާއްޖޭގެ އެކިސަރަޙައްދުތަކުން ލިބިފައިވާ ތަރުހީބު އެސެންޓަރުން ފާހަގަކުރައްވައެވެ.