ޚަބަރު

ސްރީލަންކާގެ އައު ސަރުކާރުގެ 28 ވަޒީރުން ހުވައިކުރައްވައިފި


ސްރީލަންކާގެ އައު ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ހުވައިކުރައްވައިފިއެވެ.

ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާކަޕުސަވަނީ 28 ވަޒީރުންނާއި ދަޢުލަތުގެ 40 ވަޒީރުންގެ މައްޗަށް އެކުލެވޭ އައު ވަޒީރުންގެ މަޖިލީހެއް އެކުލަވާލައިފައެވެ. ސްރީލަންކާގެ ކެންޑީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އަލަށް ޢައްޔަނުކޮށްފައިވާ ވަޒީރުން މަޤާމުގެ ހުވައިކުރައްވައިފައިވަނީ ރައީސް ގޮތަބަޔަ ރާޖަޕަކުސައާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކުސަގެ ކުރިފުޅުމަތީގައެވެ.

އަލަށް އެކުލަވާލި ވަޒީރުންގެ މަޖިލީހުގައި ދިފާޢީ ވަޒީރުގެ މަޤާމު ޢަދާކުރައްވާނީ ރައީސް ގޮތަބަޔަ ރާޖަޕަކުސައެވެ. މާލީ، އުމްރާނީ ތަރައްޤީ އަދި ބުދިސްޓުންނާބެހޭ ވަޒީރުގެ މަޤާމު ފުރުއްވާނީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކުސައެވެ. އޭނާގެ ދަރިކަލުންކަމަށްވާ ނަމަލް ރާޖަޕަންސަ ހުންނަވާނީ ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރުގެ މަޤާމުގައެވެ. ރާޖަޕަކްސަ ޢާއިލާއަށް ނިސްބަތްވެވެޑައިގަންނަވާ ޗަމަލް ރާޖަޕަކުސަ ހުންނަވާނީ ދާޚިލީ ވުޒާރާގެ ދަޢުލަތުގެ ވަޒީރެއްގެ ގޮތުގައެވެ.

އޮގަސްޓު މަހުގެ 5ވަނަ ދުވަހު ބޭއްވި ސްރީލަންކާގެ ޢާންމު އިންތިޚާބުގައި ބޮޑުވަޒީރު މަހިންދަ ރާޖަޕަކުސަގެ ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަ، އެސްއެލްޕީޕީންވަނީ ބޮޑު އަޣުލަބިއްޔަތަކުން ޢާންމު އިންތިޚާބު ކާމިޔާބުކޮށްފައެވެ. ވެރިކަންކުރާ އެސްއެލްޕީޕީންވަނީ ޤާނޫނުހަދާ މަޖިލީހުގެ 225 ގޮނޑީގެ ތެރެއިން 145 ގޮނޑި ކާމިޔާބުކޮށްފައެވެ. އެ ޕާޓީއަށް ތާޢީދުކުރާ ފަރާތްތަކުން ކާމިޔާބުކުރި ގޮނޑިތަކާއެކު ސަރުކާރަށްވަނީ ޖުމްލަ 150 ގޮނޑި ކަށަވަރުވެފައެވެ. އެއީ ޤާނޫނުހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައެވެ. އެހެންކަމުން ސްރީލަންކާގެ ރައީސަށް ލިބިވަޑައިގަންނަވާ ރިޔާސީ ބާރުތައް ފުޅައިކުރެއްވުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ޤާނޫނުހަދާ މަޖިލީހުން ފަށާނެކަމަށް ބެލެވެއެވެ.