ޚަބަރު

ބައިޑަންގެ ރަނިންމޭޓާކަށް ތަމަޅަ ނަސްލުގެ ކަމާލާ ހެރިސް


ނޮވެންބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޑިމޮކްރެޓިކު ޕާޓީގެ ފަރާތުން ވާދަކުރައްވާ ޖޯ ބައިޑަންގެ ރަނިންމޭޓަކަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލިހުގެ މަތިގޭގެ މެންބަރެއްކަމަށްވާ ކަމަލާ ހެރިސް ޢައްޔަނުކުރައްވައިފިއެވެ. އެ ނިންމުމާއެކު އެމެރިކާގެ ތާރީޙުގައި ކަޅު ނަސްލަށް އަދި އޭޝިޔާއަށް ނިސްބަތްވާ އަންހެނެއް ސިޔާސީ ބޮޑު ޕާޓީއެއްގެ ޓިކެޓުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާ ފުރަތަމަ ފަހަރަށް ވާނެއެވެ. އޭނާއަކީ އެމެރިކާގެ ޤާނޫނުހަދާ މަޖިލިހުގެ މަތިގޭގެ މެންބަރުންގެ ތެރެއިންވެސް ކަޅު ނަސްލަށް ނިސްބަތްވަޑައިގަންނަވާ ހަމައެކަނި އަންހެން ބޭފުޅާއެވެ.

އިންޑިޔާގެ ތަމަޅަ ނަސްލަށާއި ޖެމެއިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ހެރިސަކީ ޑިމޮކްރަޓިކު ޕާޓީގެ އެންމެ މުހިންމު އެއް މެންބަރެވެ. އުމުރުން 55 އަހަރުގެ ހެރިސަކީ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ޕާޓީގެ ޕުރައިމަރީގައި ބައިޑަންއާ ދެކޮޅަށް ވާދަކުރެއްވި ބޭފުޅެކެވެ. ރިޔާސީ ޓިކެޓި ހޯއްދެވުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން ނައިބު ރައީސްގެ ގޮތުގައި ވާދަކުރައްވާނީ އޭނާކަމަށް ގިނަ ބަޔަކު ކުރިންވެސް ޤަބޫލުކުރިއެވެ. ރަނިންމޭޓުގެ ގޮތުގައި ހެރިސް ޢައްޔަނުކުރައްވާފައިވާކަން އިޢުލާނުކުރައްވަމުން ބައިޑަން ވިދާޅުވީ އޭނާއަކީ ޤައުމުގެ ޙައްޤުގައި ކެރިގެން މަސައްކަތްކުރައްވާ ބޭފުޅެއްކަމަށާއި އެންމެ ރަނގަޅު މަދަނީ މަސައްކަތްތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްކަމަށެވެ.

ކޯވިޑް-19 އެންމެ ހަލުވިކޮށް ފެތުރޭ ޤައުމުގެ ގޮތުގައި އޮތް އެމެރިކާގައި މަރުވާ މީހުންގެ ނިސްބަތް އެހެން ޤައުމުތަކަށްވުރެ އިތުރެވެ. އެ ބަލީގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށްވަނީ ނޭދެވޭ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. އޭގެ އިތުރުން އެމެރިކާގެ މިނިއަޕޮލިސް ސްޓޭޓުގައި ކަޅު ނަސްލުގެ މީހެއް ހައްޔަރުކުރުމުގައި ފުލުހުން އަނިޔާވެރިކޮށް ޢަމަލުކުރުމުގެ ސަބަބުން އޭނާ މަރުވުމުން ނަސްލީ ތަފާތުކުރުން ނައްތާލައި ކަޅު ނަސްލުގެ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށް އެމެރިކާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ ގޮވާލަމުންނެވެ. އެމެރިކާއަށް ކުރިމަތިވެފައިވާ ޙާލަތުގެ ގޮތުން ކަޅު ނަސްލަށް ނިސްބަތްވާ އަންހެނަކު ބައިޑަންގެ ރަނިންމޭޓަކަށް އިޚުތިޔާރުކުރުމަކީ ކެންޕެއިނުގެ ކާމިޔާބީއަށް މުހިންމު ކަމެއްކަމަށާއި އެ މަޤާމަށް އެންމެ އެކަށީގެންވާ މީހަކީ ހެރިސްކަމަށް ގިނަ ބަޔަކު ދެކެއެވެ.

ބައިޑަންގެ ރަނިންމޭޓުގެ ގޮތުގައި ހެރިސް ޢައްޔަނުކުރެއްވުމުން އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕު ވިދާޅުވީ އެކަމާ އޭނާ ކޮންމެވެސް ވަރަކަށް ހައިރާންވެވަޑައިގަންނަވާކަމަށެވެ. ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީގައި ހެރިސް ވަރަށް ބޮޑަށް ބައިޑަނަށް ފާޑުވިދާޅުވެފައިވާކަން ފާހަގަކުރައްވައި ޓްރަންޕު ވިދާޅުވީ ހެރިސަކީ އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގޭގައި އިންނެވި އެންމެ ޚިޔާލު ތަނަވެސް މެންބަރުކަމަށާއި އެއީ ބައިޑަން ބޭނުންވެވަޑައިގަންނަވާ ސިފައެއްކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ.