ޚަބަރު

އިންޑިޔާގެ ތޮށްޖެހިފައިވާ ސްޓޭޓުތަކުގައި ބަލި ފެތުރެނީ، ތަހުލީލުކުރުން އިތުރުކުރަނީ


އިންޑިޔާގައި ކޯވިޑް-19 އެންމެ ބޮޑަށް ފެތުރެނީ އެ ޤައުމުގެ އެންމެ ބޮޑު 10 ސްޓޭޓުގައިކަމަށާއި ބަލި ފެތުރުން ހުއްޓުވުމަށް ތަހުލީލުކުރާ މިންވަރު އިތުރުކުރަން ޖެހޭކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ ސްޓޭޓުތަކުގެ އިސްވެރިންނާއެކު އިންޓަނެޓު މެދުވެރިކޮށް ބޭއްވެވި ބައްދަލުވުމެއްގައެވެ.

ދުނިޔޭގައި ތިންވަނައަށް އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރޭ ޤައުމުކަމަށްވާ އިންޑިޔާގައި މިހާތަނަށް 2.2 މިލިއަނަށްވުރެ ގިނަ މީހުންނަށްވަނީ ބަލި ޖެހިފައެވެ. އެ ޤައުމުގައި ބަލި ޖެހިފައިވާ މީހުންގެ 80 އިންސައްތަ ފެނިފައިވަނީ އެންމެ އާބާދީ ބޮޑު 10 ސްޓޭޓުތަކުންނެވެ. އެ ބަލީގައި އިންޑިޔާއިން މަރުވި މީހުންގެ 82 އިންސައްތަ މީހުން މަރުވެފައިވަނީ އެ ސްޓޭޓުތަކުގައެވެ. އޭގެ ތެރެއިން 5 ސްޓޭޓެއްގައި ބައްޔަށް ތަހުލީލުކުރާ މިންވަރު އިތުރުކުރަންޖެހޭކަމަށް ފާހަގަކުރައްވާ މޯދީ ވިދާޅުވީ އެ ސްޓޭޓުތަކުގައި ބަލި ފެތުރޭ މިންވަރު ދަށަށް ގެނެވިއްޖެނަމަ ކޯވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުވާނެކަމަށެވެ.

އިންޑިޔާގައި ކޯވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، ޙާލަތު ގޯސްވެފައިވާ ގިނަ ސްޓޭޓުތައްވަނީ އަލުން ފުރަބަންދުކޮށްފައެވެ.