އިންޑިޔާގެ ވައިގެ ބަނދަރުތަކުގެ ސަލާމަތީ ޙާލަތާގުޅޭ ދިރާސާއެއް ކުރަން އެ ޤައުމުގެ ވައިގެ ދަތުރުފަތުރާބެހޭ އިދާރާއިން ނިންމައިފިއެވެ. އެ ނިންމުން ނިންމާފައިވަނީ އެއަރ އިންޑިޔާގެ މަތިންދާ ބޯޓެއް ކެރަލާގެ ވައިގެ ބަނދަރަކަށް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭއިން ކަހާލައި ވެއްޓުމުގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ޙާދިޘާ ހިނގާފައިވަނީ ބޯވާރޭގެ ސަބަބުން ރަންވޭ ތެމިފައި އޮތުމުންކަމަށް ބެލެވެއެވެ.
އިންޑިޔާގެ ޑައިރެކްޓޮރޭޓު ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން އަރުން ކުމާރު ވިދާޅުވީ އެ ޤައުމުގެ ބާރުބޮޑު ވައިގެ ބަނދަރުތަކާއި އެންމެ ބޮޑެތި ވައިގެ ބަނދަރުތަކުގައި ކުރާ ޚާއްޞަ ދިރާސާގެ ދަށުން ރަންވޭގެ ޙާލަތާއި އޭގެ އުސްމިނާއި އަލިކަން ހުންނަ މިންވަރާއި ފެން ހިންދާ ނިޒާމު މަސައްކަތްކުރާ މިންވަރު ބަލާނެކަމަށެވެ. އަދި ބޯވާރޭގެ އަސަރު ޢާންމުކޮށް ކުރިމަތިވާ ޗެންނާއީއާއި ކޮޗިންއާއި ޓުރެވެންޑުރަމާއި މުންބާއިގެ ވައިގެ ބަނދަރުތަކުގެ ޙާލަތު އެ ދިރާސާގައި ދެނެގަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
އޮގަސްޓު މަހުގެ 7ވަނަ ދުވަހު ހިނގި ޙާދިޘާގައި މަތިންދާބޯޓު ކަހާލައި ދެ ފަޅިއަށް ބިންދައިގެން ދިޔުމުން 18 މީހުންވަނީ މަރުވެފައެވެ. 191 ފަސިންޖަރުންނާއެކު ޔޫއޭއީގެ ދުބާއީއިން ދަތުރުކުރި އެއަރ އިންޑިޔާގެ މަތިންދާބޯޓު ކެރަލާގެ ކަލިކަތު ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ޖައްސަން މަސައްކަތްކޮށްފައިވަނީ ބޯވާރޭގެ ސަބަބުން ރަންވޭ ވަރަށް ބޮޑަށް ތެމިފައި އޮތް ވަގުތެއްގައެވެ.