ޚަބަރު

ރިހެބިލިޓޭޝަންސެންޓަރު ހިންގުން އަމިއްލަފަރާތްތަކަށް ހުޅުވާލައިފި


މާލެއަތޮޅު ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު އަމިއްލަ ފަރާތަކާ ޙަވާލުކުރުމަށްޓަކައި ޕްރޮޕޯޒަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.ދިވެހިސަރުކާރުގެ ގެޒެޓްގައި ބުނެފައިވަނީ، މިމަރުކަޒު ހިންގުމަށް އަމިއްލަ ފަރާތްތަކަށް ހުޅުވާލަންޖެހުނީ، ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާގައި ފާހަގަކުރެވިފައިވާގޮތުން، ސަރުކާރުން މިފަދަ މަރުކަޒެއް ހިންގުމަކީ ވަރަށް ޚަރަދު ބޮޑު ކަމަކަށްވުމާއި، ތަޖުރިބާހުރި އަމިއްލަ ފަރާތްތަކުން މިފަދަ މަރުކަޒެއް ހިންގުމަކީ ޚަރަދުކުޑަވުމުގެ އިތުރުން ހަރުދަނާގޮތުގައި ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތެއްކަމަށް ސަރުކާރުން ގަބޫލްކުރާތީކަމަށެވެ. އަދި އެފަދަ ސެޓަޕެއްގެ ތެރެއިން ސަރުކާރުގެ ދައުރަކަށް ދެން ވާނީ ފަރުވާދޭ މަރުކަޒުތައް ހަރުދަނާ އުސޫލުތަކުގެ ތެރެއިން ރެގިއުލޭޓްކުރުން ނުވަތަ ރެގިއުލޭޓަރެއްގެ ދައުރު އަދާކުރުންކަމަށެވެ. އެގޮތުން އަށާރަ އަހަރުން ދަށުގެ ފަންސާސް ފިރިހެން ކުދިންނާއި ތިރީސް އަންހެން ކުދިން އެމަރުކަޒުގައި ބައިތިއްބައިގެން ފަރުވާދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ތަރައްގީކުރުމަކީވެސް ބިޑު ކާމިޔާބުކުރާ ފަރާތުގެ ޒިންމާކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން އެމަރުކަޒު ހިންގަން ސަރުކާރުން ހަވާލުކުރާ ފަރާތަށް ސަރުކާރުން އިނާޔަތްތަކެއް ދޭނެކަމަށް ވެސް ބުނެފައިވެއެވެ. އޭގެތެރޭގައި ތަނުގެ އެސެޓްތައް ރަހުނުކުރުމާއި، އެއްވެސް ކުއްޔަކާނުލާ އެމަރުކަޒާއި، މަރުކަޒު ހިމެނޭ ސަރަހައްދު ހިމެނޭ ބިމުގެ ސަރަހައްދުދިނުމާއި، ސަރުކާރުން ފަރުވާއަށް ފޮނުވާ ކޮންމެ މީހަކަށް މަހަކު ހަތްހާސް ރުފިޔާ ދިނުން ހިމެނެއެވެ.މީގެ އިތުރުން ގެޒެޓްގައިވާގޮތުން މި ސެންޓަރުގެ ހިންގުން އަމިއްލަފަރާތަކާއި ހަވާލުކުރާއިރު، މިހާރު އެ ސެންޓަރުގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ތެރެއިން އާމެނޭޖްމަންޓްގައި ވަޒީފާއަދާކުރަން ޚިޔާރުކުރާ ހުރިހާ މުވައްޒަފުން ސަރުކާރުން ދޫކޮށްދޭނެއެވެ.މިޕްރޮޕޯސަލް ހުށައެޅުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ މަހުގެ އަށާރަ ވަނަ ދުވަސްކަމުގައިވެސް ބުނެފައިވެއެވެ.