އެކިކުށްކުށުގައި ބަންދުކުރާ މީހުންގެ ބަންދާ މެދު ދަށުކޯޓްތަކުން ނިންމާ ނިމުންތައް އިސްތިއުނާފް ކޯޓްތަކުން ކަނޑައެޅޭ ވަކި މުއްދަތެއްގައި ނިންމަން ލާޒިމުމުރެވޭނީ ޤާނޫނީ އިމުގެ ތެރެއިން ރައްޔިތުން މަޖިލީހަށްކަމަށް ސުޕްރީމްކޯޓުން ހާމަކޮށްފިއެވެ.
އެކޯޓުން މިގޮތަށް ހާމަކޮށްފައިވަނީ ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާއި މެދު ދަށުކޯޓްތަކުން ނިންމާ ނިންމުމާއި ގުޅިގެން ކުރެވޭ އިސްތިއުނާފު މައްސަލަތައް ނިންމަން ވަކި މުއްދަތެއް ކަނޑައަޅާދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެކޯޓްގައި އެދުމުންނެވެ.
ޕީޖީ އޮފީހުން މިގޮތަށް އެދިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ގދ. ތިނަދޫ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ބަންދުން ދޫކޮށްލުމަށް ހައިކޯޓުން ނިންމި އިސްތިއުނާފުކުރުމަށްް ހުށައެޅި މައްސަލަައިގެ ތެރޭގައެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ކުރީގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ތިނަދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 2016 ވަނަ އަހަރުގެ މޭމަހުގެ 28 ވަނަދުވަހުގެ ރެއެެވެ. ފުލުހުން އޭނާ ހައްޔަރުކުރުމުން ރަޝީދު ދޫކޮށްލަން ހައިކޯޓުން އޭގެ އަނެއް ދުވަހު ނިންމީ ފަނޑިޔާރަކު ހައްޔަރުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ހިލާފަށް ފުލުހުން އަމަލުކޮށްފައިވާކަމަށް ކަނޑައެޅުމަށްފަހުއެެވެ. އެހެންނަމަވެސް ފުލުހުން ވިދާޅުވެފައިވަނީ އިބްރާހިމް ރަޝީދު ހައްޔަރުކުރި އިރުއިރު އޭނާ ހުރީ މަސްތުވެގެންކަމަށާއި އޭނާ ހައްޔަރުކުރި ސަރަހައްދުން މަސްތުވާތަކެތި ފެނިފައިވާކަމަށްވެސް ފުލުހުން އޭރު ވަނީ ވިދާޅުވެފައެވެ. ހައިކޯޓްގެ އެ ނިންމުން ބާތިލުކުރުމަށް ޕީޖީ އޮފީހުން ސުޕްރީމްކޯޓަށް ހުށައެޅީ 2016 ވަނަ އަހަރުގެ މޭމަހުގެ 31 ވަނަދުވަހުއެވެ.
އިބްރާހިމް ރަޝީދު ބަންދުން ދޫކޮށްލުމަށް ހައިކޯޓުން މީގެ 4 އަހަރުކުރިން ނިންމި ނިންމުގެ އިސްތިއުނާފު މައްސަލަ މިއަދު ސުޕްރީމްކޯޓުން ވަނީ ނިންމާއެވެ.
އެ ކޯޓުން ވަނީ ހައިކޯޓުން މީގެ 4 އަހަރުކުރިން ނިންމި ނިންމުން ބާތިލުކޮށްފައެވެ. މި ފަދަ މައްސަލަތައް ނިންމުމަށް ވަކި މުއްދަތެއް ކަނޑައަޅާދިނުމަށް ޕީޖީ އޮފީހުން ހުށައެޅި ހުށަޢެޅުމަށް ޖަވާބު ދެއްވަމުން ސުޕްރީމްކޯޓުން މި މައްސަލަ ނިންމި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެފަދަ ނިންމުމެއް ނިންމޭނީ ޤާނޫނީ އިމުގެ ތެރެއިން ރައްޔިތުން މަޖިލީހަށްކަމަށެވެ. އެހެންނަމަވެސް މި ފަދަ މައްސަލަތައް ނިންމުމުގައި މައްސަލަތަކަށް ބަލާ އެކަށީގެންވާ މުއްދަތެއްގައި މައްސަލަތައް ނިންމަން ބާރު އަޅަން ފެންކަމަށްވެސް ސުޕްރީމްކޯޓްގެ ހުކުމްގައިވެއެވެ.
ގދ. ތިނަދޫ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ މައްސަލަ ނިންމާ ސުޕްރީމްކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ފަނޑިޔާރަކު ހައްޔަރުކުރުމުގައި އިމްތިޔާޒުތަކެއް ކަނޑައެޅިފައިވާ ވީނަމަވެސް އެނާ ހައްޔަރުކުރި ހާލަތުގައި އޭނާއަށް އެ އިމްތިޔާޒުތައް ދޭން ނުޖެހޭކަމަށެވެ. މިގޮތުން އޭނާ ހައްޔަރުކުރަން ޖެހުނީ ކުށުގެ ވެށިން ހައްޔަރުކުރަންޖެހޭ ސަބަބުތަކެއް އޮތުމުންކަމަށް ހުކުމްގައިވއެވެ. މި ގޮތުން އޭނާ ހިފިފައިވަނީ ކުށެއްކުރަނިކޮށްކަމަށާއި އެނާ ހުރި ސަރަހައްދުން މަސްތުވާތެކެތި ބަންދުކޮށްފައިވާ ޕެކެޓެއް ފެނިފައި ވުމަކީ އެނާ ކުށްކުރިކަމަށް ބުއްދި ޤަބޫލުކުރަންޖެހޭ އެކަށީގެންވާ ސަބަބެއްބެއްކަމަށްވެސް ސުޕްރީމްކޯޓްގެ ހުކުމްގައިވެއެވެ. އަދި މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ޝައްކުކުރެވޭތީ ޓެސްޓްކުރުމަށް ކުޑަކަމުދާތަކެތި ދޭން ބުނުމުން އެނާ އެކަމަށް އިންކާރުކުރުމަކީ އެނާ ކުށްކުރިކަމަށް އިތުރަށް ބާރުލިބޭކަމެއްކަމަށްވެސް އެ ހުކުމްގައިވެއެވެ.
ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމައި އެނާ މަޤާމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހުން މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ވަނަދުވަހު ވަނީ ފާސްކޮށްފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ވޯޓެއް ނަގައިގެން ފަނޑިޔާރަކު މަގާމުން ބޭރުކުރި ފުރަތަމަ ފަހަރެވެ. އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ނިންމީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.