ކުޅިވަރު

އެޓަލަންޓާއަކީ މުޅިން ތަފާތު ސްޓައިލަކަށް ކުޅޭ ޓީމެއް: ޓުޗެލް


އެޓަލަންޓާއަކީ އޭނާ ބެލިބެލުމުން މުޅިން ތަފާތު ސްޓައިލަކަށް ކުޅޭ ޓީމެއްކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ އެޓަލަންޓާ އާއި ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ޓުޗެލް ބުނީ މެޗު އެހާ ފަސޭނުވާނަކަމަށެވެ.

އެޓަލަންޓައަކީ ވަކިވަކި ހުނަރުވެރި ކުޅުންތެރިން ގިނަ ޓީމެއް ކަމަށާއި ސަމާލު ނުވެއްޖެނަމަ ނުރައްކާވާނެ ކަމަށެވެ. އޭނާ ބުނީ އެޓަލާންޓާގެ އެޓޭކުތައް ވަރުގަދަކަމުން ޕީއެސްޖީގެ ޑިފެންސަށް ކުޅޭ ކުޅުންތެރިން ސަމާލުވާން ޖެހޭނެކަމަށެވެ. އަދި އޭނާ އަށް ފެންނަނީ އެޓަލަންޓާގެ އެޓޭކްތަކުގައި މުޅި ޓީމް ހަރަކާތްތެރިވާތަން ކަމަށާއި އެހެން ކުޅޭ ޓީމަކާ ދެކޮޅަށް ނުކުންނައިރު ނުރައްކާ ބޮޑުވާނެކަމަށެވެ. ޓުޗެލް ބުނީ ކުޅޭޓީމެއްގެ އަތުން ބައިކޮޅަށް ލަނޑެއް ވައްދާނުލާ މެޗު ނިންމާލުމަކީ އުނދަގޫކަމެއްކަމަށެވެ.

އެޓަލާންޓާއިން ވަނީ މި ސީޒަންގައި އިޓާލިއަން ލީގުގައި ކުޅުނު 38 މެޗުން 98 ލަނޑު ކާމިޔާބުކޮށްފައެވެ. އެޓީމުން ވަނީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ކުޅުނު ކޮންމެ މެޗެއްގައި ލަނޑު ޖަހާފައެވެ. މުޅިން އަލަށް ޗެމްޕިއަންސް ލީގުގައި ވާދަކުރާ އެޓަލަންޓާއިން މުބާރާތުގައި އެންމެފަހުން ކުޅުނު ހަތް މެޗުގައި ވަނީ 16 ލަނޑު ޖަހާފައެވެ.