ކޯވިޑް-19އަށް ރަޝިޔާއިން އުފައްދާފައިވާ ވެކްސިންގެ ރައްކާތެރިކަމާއި ބައްޔާ ދެކޮޅަށް އެ ވެކްސިން މަސައްކަތްކުރާވަރު ދިރާސާކުރާނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިއުއެޗުއޯއިން ބުނެފިއެވެ.
ކޯވިޑް-19 ޖެހުމުން ރައްކާތެރިކޮށްދޭ ވެކްސިނެއް ފުރަތަމަ އުފެއްދި ޤައުމަކީ ރަޝިޔާކަމަށާއި އެ ޤައުމުގެ ޞިއްޙީ ވުޒާރާގައި އެ ވެކްސިން ދަފުތަރުކޮށްފައިވާކަމަށް ރަޝިޔާގެ ރައީސް ވުލަޑުމީރު ޕުޓިންވަނީ އިޢުލާނުކުރައްވައިފައެވެ. އެ ވެކްސިން ދަފުތަރުކުރިނަމަވެސް އިންސާނުން ބޭނުންކޮށްގެން އެ ވެކްސިން ތަހުލީލުކޮށްފައިވަނީ ދެ މަސް ދުވަހުގެ މުއްދަތަށެވެ. އެހާ ކުރު މުއްދަތެއްގެ ތެރޭގައި ކާމިޔާބު ވެކްސިނެއް އުފެއްދުނީ ސައިންސުގެ ރޮނގުން ރަޝިޔާ ވަރަށް ކުރިއަރާފައި އޮތުމުންކަމަށް ޕުޓިންވަނީ ވިދާޅުވެފައެވެ.
ޑަބުލިއުއެޗުއޯއިން ބުނީ އެޖަމުޢިއްޔާއިން އެ ވެކްސިންއާ ގުޅޭ ދިރާސާތަކެއް ކުރުމަށް ރަޝިޔާއާއެކު މަޝްވަރާކުރަމުންދާކަމަށެވެ. ވެކްސިނެއްގެ ރައްކާތެރިކަން ޔަޤީންކުރާ މަރުޚަލާއަކީ ވަރަށް ހަރުކަށިކޮށް އަދި ތަފްޞީލުކޮށް ކުރާ ދިރާސާއެއްކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ.
ރަޝިޔާގެ ގަމަލައި ސެންޓަރުން އުފައްދާފައިވާ ވެކްސިން ތައްޔާރުކޮށްފައިވަނީ ރޯގާ ޖައްސާ އެޑެނޯވައިރަހުގެ މައްޗަށް ބިނާކޮށެވެ. ވެކްސިންގައި ހިމެނޭ ޕުރޮޓީންތަކުން ކޯވިޑް-19 ޖައްސާ ކޮރޯނާވައިރަސް ހަށިގަނޑުގައި ނަކަލުކޮށް އެއާ ދެކޮޅަށް ދިފާޢީ މަސައްކަތްތައް ކުރެއެވެ.
އިންސާނުން ބޭނުންކޮށްގެން ވެކްސިން ތަހުލީލުކުރުމުން އެ ތަހުލީލުންވަނީ ވެކްސިނުގެ ރައްކާތެރިކަން ޔަޤީންކުރެވިފައެވެ. އެ ވެކްސިނުންވަނީ ކޯވިޑް-19ން ތަހުލީލުގައި ބައިވެރިވި މީހުން ރައްކާތެރިކޮށްދީފައެވެ.
އޮކްޓޯބަރު މަހުގެ ތެރޭގައި ކޯވިޑް-19އާ ދެކޮޅަށް ވެކްސިން ދޭން ޚާއްޞަ ޙަރަކާތެއް ފެށުމަށް ހަމަޖެހިފައިވާކަމަށް ރަޝިޔާގެ ސަރުކާރުންވަނީ މީގެ ކުރިން ބުނެފައެވެ. އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ވެކްސިން ދިނުމުގައި އިސްކަންދޭނީ ޞިއްޙީ ޚިދުމަތްތެރިންނަށާޢި ދުވަސްވީ މީހުންނަށްކަމަށެވެ. ޢާންމުންނަށް ވެކްސިން ދިނުމުގެ ހުރިހާ ޚަރަދެއް ކުރާނީ ރަޝިޔާގެ ސަރުކާރުންނެވެ.