ޚަބަރު

102 ދުވަހަށްފަހު ކޯވިޑް-19 ޖެހިފައިވާ ބަޔަކު ނިއު ޒީލެންޑުން ފެނިއްޖެ


102 ދުވަހަށްފަހު ކޯވިޑް-19 ޖެހިފައިވާ ބަޔަކު އަނެއްކާވެސް ނިއު ޒީލެންޑުން ފެނިއްޖެއެވެ.

މިއީ ކޯވިޑް-19 ޖެހިފައިވާ މީހެއް ނިއު ޒީލެންޑުގައި ނުފެނި ގިނަ ދުވަސްތަކެވުމަށްފަހު މުޖުތަމަޢުގެ ތެރޭގައި އަދިވެސް ބަލި ފެތުރޭކަމުގެ ނިޝާނެއް ފެނުނު ފުރަތަމަ ފަހަރެވެ. ނިއު ޒީލެންޑުގެ އެންމެ ބޮޑު ސިޓީކަމަށްވާ އޯކްލެންޑުން ކޯވިޑް-19 ޖެހިފައިވާ 4 މީހުން ފެނުމުން އެ ސިޓީވަނީ ފުރަބަންދުކޮށްފައެވެ. އެގޮތުން އޮގަސްޓު މަހުގެ 12ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އޯކުލެންޑުގެ މަދަރުސާތައް ބަންދުކުރުމުގެ އިތުރުން އެ ސިޓީގެ މަސައްކަތްތެރިން ވަޒީފާއަށް ނުނިކުންނާނެއެވެ. އަދި 10 މީހުންނަށްވުރެ ގިނަ މީހުން އެއްފަހަރާ އެއްވެ އުޅުން މަނާވާނެއެވެ.

ނިއު ޒީލެންޑުގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު އެޝްލީ ބްލޫމްފީލްޑު ވިދާޅުވީ ބަލި ޖެހިފައިވާ ހަތަރު މީހުންނަކީވެސް އެއް ޢާއިލާއަކަށް ނިސްބަތްވާ ބައެއްކަމަށާއި ފަހުގެ ތާރީޚެއްގައި ބައިނަލްއަޤްވަމީ ދަތުރެއް އެމީހުން ކޮށްފައިނުވާކަމަށެވެ. އެ ޢާއިލާއަށް ނިސްބަތްވާ އެހެން މީހުންނަށް ބަލީގެ އަސަރު ކޮށްފައިވޭތޯ ބަލައި އެ މީހުންނާ ދިމާވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

ނިއު ޒީލެންޑުން އަނެއްކާވެސް ކޯވިޑް-19 ޖެހިފައިވާ ބަޔަކު ފެނުމުން އެ ޤައުމުގެ ބޮޑުވަޒީރު ޖަސިންދާ އާޑަން ވިދާޅުވީ އެފަދަ ޙާލަތަކަށް އެ ޤައުމުން އޮތީ ދުރާލާ ތައްޔާރުވެފައިވާކަމަށެވެ. ތިން ދުވަހުގެ މުއްދަތަށް އޯކްލެންޑުގައި ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތަކެއް ސަރުކާރުން އެޅީ އެ މުއްދަތުގެ ތެރޭގައި ޤައުމުގެ ޙާލަތު ވަޒަންކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.